އާންމުކޮށް އިއުލާނު ކުރުމަކާ ނުލައި، އައްޑޫ ސިޓީ ކައުންސިލުން 166،340 އަކަފޫޓުގެ ބޮޑު ބިމެއް ސިއްރުން ވަކި ބަޔަކަށް ދީފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި 2021 އަދި 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ކައުންސިލުން ވަނީ އަށް ބިމެއްގެ ހެޑްލީޒް ސިއްރުވެރި ގޮތަކަށް ބަދަލުކޮށްފައެވެ. މި އެއްބަސްވުންތައް އައު ކުރިއިރު، އެ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ 439،297 ރުފިޔާގެ ކުލި ހޯދުމަށް ކައުންސިލުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި އައު އެއްބަސްވުންތަކުގައި މި ދަރަނީގެ ވާހަކަ ހިމަނާފައިނުވާކަންވެސް ވަނީ ފަޅާއަރާފައެވެ.
މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، ފޭދޫއިން ފަތުރުވެރިކަމަށް ދޫކުރި 29،000 އަކަފޫޓުގެ ފަސް ބިމަކަށް، އިތުރު 139،945 އަކަފޫޓު ވަނީ ގުޅުވާލާފައެވެ. އަދި މީދޫއިން ދޫކޮށްފައިވާ 17،000 އަކަފޫޓުގެ ތިން ބިމަކަށް 27،595 އަކަފޫޓު އިތުރުކޮށްދީފައިވާއިރު، ހިތަދޫ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ 3،000 އަކަފޫޓުގެ ދެ ބިމަކަށްވެސް ވަނީ އިތުރު ބިންތަކެއް ގުޅުވާލަދީފައެވެ. ކުލީގެ ގޮތުގައި މީދޫގެ ބިންތަކުން 194،816 ރުފިޔާ އަދި ފޭދޫގެ ބިންތަކުން 244،481 ރުފިޔާ ކައުންސިލަށް ނުލިބި އޮތްކަން ރިޕޯޓުގައިވެއެވެ.
އޮޑިޓް އޮފީހުން ބުނެފައިވާ ގޮތުގައި، އަސްލު 52،000 އަކަފޫޓުގެ ބިމަށް އިތުރު 166،340 އަކަފޫޓު އިއުލާނު ކުރުމަކާ ނުލައި ދިނުމަކީ، މިފަދަ ވިޔަފާރިތަކަށް ޝައުގުވެރިވާ އެހެން އާންމު ފަރާތްތަކުގެ ހައްގު ގެއްލި، ތަފާތުކުރުން ބޮޑުވެ ވަކި ބަޔަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ގޮތުގައި ހިންގާފައިވާ އަމަލެކެވެ. ބޮޑެތި މާލީ މައްސަލަތަކެއް ފެންމަތިވެފައިވާ އައްޑޫ ސިޓީ ކައުންސިލަކީ އިދިކޮޅު އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ ކައުންސިލެކެވެ.
ކޮމެންޓު ފޮނުވާ