ދައުލަތުގެ މާލީ އުސޫލުތަކާ ހިލާފަށް، އައްޑޫ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ތަޖުރިބާ ދަތުރުތަކަކަށް 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން އާންމުކުރި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކައުންސިލްގެ 8 މެމްބަރުންނާއި 2 މުވައްޒަފުން ހިމެނޭހެން ކުރި އަށް ދުވަހުގެ ދަތުރަށް ވަނީ 515,101 ރުފިޔާ ހޭދަކޮށްފައެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޑަބްލިއުޑީސީގެ މެންބަރުންނާއި ކައުންސިލްގެ އިސްވެރިން ހިމެނޭހެން ކުރި ދަތުރަށް 685,509 ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި ދެ ދަތުރުގައިވެސް، ދަތުރުގެ މަގުސަދާ ގުޅުންނެތް ތަންތަނަށް (މިސާލަކަށް ސިންގަޕޫރުގެ ސެންތޯސާ އަދި ބޮޓަނިކަލް ގާޑަން ފަދަ ތަންތަނަށް) ޒިޔާރަތްކުރުމާއި، ތަމްރީނުތަކުގައި ބައިވެރިނުވާ ފަރާތްތަކުގެ ޓިކެޓާއި ހުރުމަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ކުރީގެ ދަތުރުގައި ބައިވެރިވި ދެ ބޭފުޅަކު ދެވަނަ ދަތުރުގައިވެސް ބައިވެރިވެ، އެއްވެސް ޓްރެއިނިންއެއް ނުހަދައި ދައުލަތުގެ ފައިސާއިން 116,286 ރުފިޔާ ހަރަދުކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ އެންގުންތަކާ އެއްގޮތަށް އަމަލުކުރުމަށާއި، ފިނޭންސް މިނިސްޓްރީގެ ސާކިއުލާތަކަށް ފުރިހަމައަށް ބޯލެނބުމަށް ކައުންސިލަށް އިރުޝާދުދީފައެވެ. ހަމައެހެންމެ، މުސްތަގުބަލުގައި ދަތުރުތައް ކުރުމުގެ ކުރިން އޭގެ ބޭނުން ސާފުކޮށް އެނގެން އޮތުމާއެކު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ނީޑް އެސެސްމަންޓެއް ހަދައި، ނިޒާމީ ގޮތެއްގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ