މަސްމާރުކޭޓުގެ ކޮންޓްރެކްޓްތައް ބާތިލްކުރަނީ

މަސްމާރުކޭޓުގެ ކޮންޓްރެކްޓްތައް ބާތިލްކުރަނީ

Author
އަހުމަދު
02 ޖޫން 2026 04:57
0

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު މާލޭގެ މަސްމާރުކޭޓު ތަރައްޤީކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކޮންޓްރެކްޓްތައް ބާތިލްކުރެވޭތޯ މާލޭ ސިޓީ ކައުންސިލުން ބަލަމުންދާކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ވަނީ މިހާރު މަސްމާރުކޭޓު ހުރި ބިމުގައި 6 ބުރީގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުމުގެ ބޮޑު މަޝްރޫޢެއް އިއުލާންކޮށްފައެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫޢަށް ފައިސާ ހަމަޖެހި، ކޮންޓްރެކްޓަރު މަސައްކަތް ފެށުމަށް ތައްޔާރަށް ހުރި ނަމަވެސް، ސިޓީ ކައުންސިލުން ބިން ހަވާލުނުކުރުމުގެ ސަބަބުން މަޝްރޫޢު މަޑުޖެހިފައިވާ ކަމަށެވެ.

އަނެއްކޮޅުން ސިޓީ ކައުންސިލުން ބުނާގޮތުގައި ބިން ހަވާލުކުރުން ލަސްވަނީ، ކުރިން އެކި ފަހަރުމަތިން ދެ ފަރާތަކާ މަޝްރޫޢު ހަވާލުކޮށްފައިވުމުގެ ސަބަބުން އުފެދިފައިވާ ގާނޫނީ މައްސަލަތަކަކާ ހުރެއެވެ.

އާޒިމް އަންގާރަ ދުވަހު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮންޓްރެކްޓްތައް ބާތިލްކޮށް މިނިސްޓްރީއާ ބިން ހަވާލުކުރެވޭތޯ ކައުންސިލުން މަސައްކަތްކުރަމުންދާ ކަމަށެވެ.

"އެހެން ފަރާތަކާ ހަވާލުކޮށްފައި އޮތް ބިމެއް އަޅުގަނޑުމެންނަކަށް ހަވާލެއް ނުކުރެވޭނެތާ؟ އަޅުގަނޑުމެންގެ މިހާރުގެ ޕްލޭނަކީ އެ ދެ ކޮންޓްރެކްޓް ބާތިލްކޮށް، ސަރުކާރާ، މިނިސްޓްރީއާ ބިން ހަވާލުކުރުން،" އޭނާ ވިދާޅުވެފައި ވެއެވެ.

ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި އެންމެ ފުރަތަމަ 6.1 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ހަވާލުކުރީ ވާދަވެރި ބިޑިންގް މަރުޙަލާއަކަށް ފަހުގައެވެ. ނަމަވެސް 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއި، ޖެނުއަރީ 2024 ގެ ބައި-އިލެކްޝަން އާޒިމް ކާމިޔާބުކުރެއްވުމާ ދެމެދު އައި އިންތިޤާލީ މަރުޙަލާގެ ތެރޭގައި، ސިޓީ ކައުންސިލުން ވަނީ ފުރަތަމަ ކޮންޓްރެކްޓް ބާތިލްކޮށް، 9.6 މިލިއަން ޑޮލަރުގެ ބޮޑު އަގަކަށް އާ ފަރާތަކާ މަޝްރޫޢު ހަވާލުކޮށްފައެވެ.

އޮގަސްޓް 2025 ގައި ބޭއްވި ސިޓީ ކައުންސިލް ބައްދަލުވުމެއްގައި އާޒިމް ވަނީ، މި އާ ކޮންޓްރެކްޓް ފާސްކުރިގޮތުގެ އެއްވެސް ލިޔެކިޔުމެއް ނެތްކަމަށާއި، އެއީ އަގު ބޮޑުކޮށް ހަދާފައިވާ އެއްބަސްވުމެއް ކަމަށާއި، އަދި ކައުންސިލަށް ނުހަނު ގެއްލުންވާ ފަދަ ޝަރުތުތަކެއް އޭގައި ހިމެނޭކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އާޒިމް ވިދާޅުވީ ފައިސާ އެއްކޮށް ނުދެއްކިއްޖެނަމަ ބިމުގެ މިލްކުވެރިކަން ކޮންޓްރެކްޓަރަށް ދޫކޮށްލަންޖެހޭނެކަމަށް ދެވަނަ ކޮންޓްރެކްޓްގައި ބަޔާންކޮށްފައި އޮތުމުން، ކައުންސިލަށް ބިން ގެއްލުމުގެ ބިރު އެބައޮތް ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށް ކައުންސިލުން ބައްދަލުވުންތަކެއް ބާއްވަން މަސައްކަތްކުރި ނަމަވެސް، އެ ބައްދަލުވުންތައް ވަނީ ކޯރަމް ހަމަނުވެގެން ކެންސަލްވެފައެވެ.

އެއީ އޭރު ވެރިކަންކުރާ ޕީއެންސީން ކައުންސިލްގެ މެޖޯރިޓީ ކޮންޓްރޯލް ކުރަމުންދިޔަ ދުވަސްވަރެވެ. ނަމަވެސް އޭޕްރީލް މަހު ބޭއްވި އިންތިޚާބަށްފަހު އިދިކޮޅު އެމްޑީޕީން ވަނީ ކައުންސިލްގެ ކޮންޓްރޯލް ނަގާފައެވެ.

އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ރާވަމުންދަނީ މިހާރު މަސްމާރުކޭޓު ހުރި ބިމުގައި 6 ބުރީގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުމަށް 117 މިލިއަން ރުފިޔާގެ މަޝްރޫޢެއް ހިންގުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.