ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިޚާބުކޮށްފިއެވެ. އޭނާ މި މަޤާމަށް އިންތިޚާބުވެވަޑައިގަތީ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދާ ވާދަކުރައްވައި، ނެގުނު ސިއްރު ވޯޓަކުންނެވެ.
މި އިންތިޚާބުގައި ސަލީމަށް 62 ވޯޓު ލިބިވަޑައިގަތްއިރު، ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. ޖުމްލަ 74 މެންބަރުން ވޯޓުގައި ބައިވެރިވެވަޑައިގަތްއިރު، 2 ވޯޓު ވަނީ ބާތިލުވެފައެވެ. ސަލީމަކީ ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ނައިބު ރައީސެވެ.
އައު ނައިބު ރައީސަކު އިންތިޚާބުކުރަން ޖެހުނީ، ކުރިން އެ މަޤާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މަޤާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދަން މަޖިލީހުން ނިންމާފައި ވަނިކޮށެވެ.
މި އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔުމަށް މަޖިލީހުން ވަނީ 5 މެންބަރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލާފައެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހެޅުއްވި މި ކޮމިޓީ ފާސްކުރީ ހާޒިރުވެ ތިއްބެވި 65 މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އަދި ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ.
ތަޖުރިބާކާރު ޤާނޫނުހަދާ މެންބަރެއް ކަމަށްވާ ސަލީމް އެންމެ ފުރަތަމަ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން 2014، 2019 އަދި އެންމެ ފަހުން 2024 ގައިވެސް އޭނާ ވަނީ ގޮނޑި ކާމިޔާބުކުރައްވާފައެވެ. މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި އޭނާ ތަމްސީލުކުރައްވަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ.
ކޮމެންޓު ފޮނުވާ