އެމްޓީޑީސީގައި ސަރުކާރުގެ ހިއްސާ އިތުރުކޮށް، އާ ރިސޯޓެއް ތަރައްގީކުރަނީ

އެމްޓީޑީސީގައި ސަރުކާރުގެ ހިއްސާ އިތުރުކޮށް، އާ ރިސޯޓެއް ތަރައްގީކުރަނީ

Author
އަހުމަދު
31 މެއި 2026 04:54
0

މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގައި އޮންނަ ސަރުކާރުގެ ހިއްސާ އިތުރުކޮށް، 2027 ވަނަ އަހަރު އާ ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފަށަން އެ ކުންފުނިން ނިންމައިފިއެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނިޔާޒު ވިދާޅުވީ، ކުންފުންޏާއި ހިއްސާދާރުންގެ ފައިދާއަށްޓަކައި ސަރުކާރުގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ. ސަރުކާރުގެ ދައުރު ބޮޑުވުމުން އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭ މަންފާ ބޮޑުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ބަދަލުތައް އީދު ބަންދަށްފަހު ރަސްމީކޮށް އިއުލާނުކުރާނެ ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

ކުންފުނީގެ މާލީ ހާލަތަށް އަލިއަޅުއްވާލައްވަމުން ނިޔާޒު ވިދާޅުވީ، ކުރިން ދިމާވި މާލީ ގޮންޖެހުންތަކުން އަރައިގަނެވި، މިހާރު ކުންފުނީގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުވެސް 30 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަންނަ މަހު ހުޅުވާ 11 ބުރީގެ އޮފީސް އިމާރާތާއި، އަންނަ އަހަރުގެ ކުރީކޮޅު ހުޅުވަން ތައްޔާރުވަމުންދާ ހދ. ނާގޯށި ރިސޯޓާއެކު ކުންފުނީގެ މާލީ ހާލަތު ބޮޑުތަނުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

2006 ވަނަ އަހަރު އާންމު ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ސީދާ ގޮތެއްގައި ހޯދައިދިނުމުގެ މަގުސަދުގައި އުފެއްދި އެމްޓީޑީސީގެ މެޖޯރިޓީ (53 އިންސައްތަ) ހިއްސާ މިހާރު އޮންނަނީ އާންމުންގެ އަތުގައެވެ. މާޒީގައި ބައެއް ރަށްތައް ތަރައްގީނުކުރެވި ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ގެއްލުންވާ ރަށްތައް ސަރުކާރާ އަނބުރާ ހަވާލުކޮށް، ކުންފުނީގެ ހިންގުން ހަރުދަނާކުރުމުގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި އަހަރުތަކުގައި އެ ކުންފުނިން އަންނަނީ ގަވާއިދުން ހިއްސާދާރުންނަށް ޑިވިޑެންޑް ބަހަމުންނެވެ. މިހާރު ކުންފުނީގެ އަމާޒަކީ އާމްދަނީ ލިބޭނެ އާ ވަސީލަތްތައް ހޯދައި، ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފަށައި ނިންމުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.