މާލޭގެ ހެންވޭރުގައި ހުންނަ ދަމަނަވެށި، އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ނުވަތަ ޖީޕީ ކްލިނިކެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި މާދަމާއިން ފެށިގެން ވަގުތީގޮތުން ބަންދުކުރުމަށް ނިންމައިފިއެވެ.
ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބަދަލަކީ ދިވެހިންގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތެކެވެ. މިގޮތުން ކުރީގެ ތެލެސީމިއާ ސެންޓަރު އަދި މިހާރުގެ ދަމަނަވެށި ހިންގާ އިމާރާތް މަރާމާތުކޮށް އާބަން ހެލްތު ސެންޓަރަކަށް ބަދަލުކުރުމުން، އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖެހިގެންދާނެއެވެ. އަދި އާންމު ސިއްހަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގެ ގިނަ ޕްރޮގްރާމްތަކެއްވެސް އެތަނުގައި ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
އިމާރާތުގެ މަސައްކަތަށް ދަމަނަވެށި ވަގުތީގޮތުން ބަންދުކުރި ނަމަވެސް، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެކަމަށް އެ ވުޒާރާއިން ކަށަވަރުކޮށްދެއެވެ. އެގޮތުން ދަމަނަވެށިން ލިބެމުންދިޔަ ހުރިހާ ޚިދުމަތްތަކެއް، މާފަންނުގައި ގާއިމުކޮށްފައިވާ އާބަން ޕްރައިމަރީ ހެލްްތް ކެއާ ސެންޓަރާއި، ހުޅުމާލޭގައި ހުންނަ ޕަބްލިކް ހެލްތް ޔުނިޓްގެ އިތުރުން ޖީޕީ ކްލިނިކުން މިހާރު ލިބެން ހުންނާނެއެވެ.
ކޮމެންޓު ފޮނުވާ