ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް އާ ބޭފުޅަކު އިންތިޚާބު ކުރުމަށްޓަކައި މިއަދު މެންދުރު ބާއްވަން އުޅުނު ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް މަގާމުން ވަކިކުރުމަށް މިއަދު ހެނދުނު 9:00 އަށް ތާވަލުކުރި ޖަލްސާ ފެށެން ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށް، އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކުރައްވައި މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނާޒިމްގެ އިސްތިއުފާއާ ގުޅިގެން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ އެކަން ރަސްމީކޮށް އިޢުލާންކުރައްވައި، މިއަދުގެ ހެނދުނުގެ ޖަލްސާ އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލައްވާފައެވެ.
އޭގެ ފަހުން، އާ ނައިބު ރައީސަކު އިންތިޚާބު ކުރުމުގެ ބޭނުމުގައި މިއަދު މެންދުރު 1:00 އަށް މަޖިލީހުގެ އިތުރު ޖަލްސާއެއް ރިޔާސަތުން ތާވަލުކުރިއެވެ. ނަމަވެސް، މަޖިލީހުގެ އިދާރާއިން ފަހުން ވަނީ މެންދުރުގެ އެ ޖަލްސާ ނޯންނާނެކަން މެންބަރުންނަށް އަންގާފައެވެ.
މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވި އެންމެ ފަހުގެ ނޯޓިސްގައި އަންގާފައިވާ ގޮތުން، ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ މާދަމާ ހެނދުނު 9:00 ގައެވެ.
ކޮމެންޓު ފޮނުވާ