އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އެ ޕާޓީން އާންމުކޮށްފިއެވެ.
މި ލިސްޓު އާންމުކޮށްފައިވަނީ ކޮންމެ މެންބަރަކުވެސް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ރަށުގެ މައުލޫމާތާއެކުގައެވެ. އެމްޑީޕީން ބުނި ގޮތުގައި މިއީ އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އިންތިޚާބު ބާއްވާ ދުވަހާ ހަމައަށް ޕާޓީން ވަކިވާ މެންބަރުން ލިސްޓުން އުނިކުރަމުންދާނެ ކަމަށާއި، އެގޮތަށް އުނިކުރާ ފަރާތްތަކުގެ ތަފްސީލު ފަހުން ހާމަކުރާނެކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، މާލޭގައި ބަހައްޓާ ވޯޓުފޮށިތަކުގެ ކައިރީގައި ހަރަކާތްތެރިވާނެ ވޮލަންޓިއަރ އޮފިޝަލުން ހޯދުމަށްވެސް މިހާރު ވަނީ އިއުލާނުކޮށްފައެވެ. ކެމްޕޭނުގައި އަމަލީގޮތުން ބައިވެރިނުވާ މެންބަރުންނަށް މި ފުރުސަތު ހުޅުވާލާފައިވާއިރު، ޝައުގުވެރިވާ ފަރާތްތަކުން މެއި 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ގޫގުލް ފޯމެއް މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ. އަދި އިންތިޚާބާ ގުޅޭ ޝަކުވާތައް ބެލުމަށްޓަކައި ޚާއްސަ ކޮމްޕްލަޔަންސް ކޮމިޓީއެއްވެސް އެ ޕާޓީން ވަނީ އެކުލަވާލާފައެވެ.
ފޯރިގަދަވާނެކަމަށް ބެލެވޭ މި ފަހަރުގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވަނީ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.
ކޮމެންޓު ފޮނުވާ