ހަމާސްގެ އަސްކަރީ ގޮފީގެ އާ ވެރިޔާ މުހައްމަދު އޫދާ އަވަހާރަކޮށްލުމަށް އަމާޒުކޮށް އިޒްރޭލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
ޣައްޒާގެ ސިވިލް ޑިފެންސުން މައުލޫމާތު ދޭގޮތުގައި، ރިމާލް އަވަށަށް ދިން މި ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 7 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި އިތުރު 20 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، މި ހަމަލާގެ މައިގަނޑު އަމާޒު ކަމަށްވާ މުހައްމަދު އޫދާއަށް ވީގޮތެއް އަދި ކަށަވަރެއް ނުވެއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒްގެ ސީދާ އަމުރަށް ދިން ހަމަލާއެއް ކަމަށެވެ. މުހައްމަދު އޫދާއަކީ އޮކްޓޯބަރު 7 ގެ ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި، އަދި ހަމާސްގެ ޖާސޫސީ ކަންކަމާ ކުރިން ހަވާލުވެހުރި ފަރާތްކަމަށް އިޒްރޭލުން ތުހުމަތުކުރެއެވެ. އޭނާ ހަމާސްގެ އަސްކަރީ ގޮފީގެ ވެރިޔާގެ މަގާމަށް އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުރި އިއްޒުއްދީން އަލް-ހައްދާދު މިމަހުގެ ކުރީކޮޅު ދިން ހަމަލާއެއްގައި ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
އޮކްޓޯބަރު 7 ގެ ހަމަލާއަށްފަހު އިޒްރޭލުން ދަނީ ހަމާސްގެ އިސް ލީޑަރުންނަށް އަމާޒުކޮށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މިގޮތުން ހަމާސްގެ ކުރީގެ ސިޔާސީ ވެރިޔާ އިސްމާއީލް ހަނިއްޔާ އާއި ޔަހްޔާ ސިންވާރުގެ އިތުރުން މުހައްމަދު ދައިފް ފަދަ އިސް ބޭފުޅުން ވަނީ ޝަހީދުކޮށްލާފައެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކުރާ ގޮތުގައި އިޒްރޭލުން ބަދަލުހިފުމުގެ ގޮތުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 72،800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާގައި އިޒްރޭލުން 1،221 މީހުން މަރުވެފައިވާކަމަށް އެގައުމުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ