ވޯލްޑް ކަޕްގައި އެމެރިކާގެ ބަދަލުގައި އީރާން ޓީމު ކޭމްޕްކުރާނީ މެކްސިކޯގައި

ވޯލްޑް ކަޕްގައި އެމެރިކާގެ ބަދަލުގައި އީރާން ޓީމު ކޭމްޕްކުރާނީ މެކްސިކޯގައި

Author
އަހުމަދު
26 މެއި 2026 08:38
0

އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕްގައި އެމެރިކާގެ ބަދަލުގައި އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމު މެކްސިކޯގައި ކޭމްޕްކުރާ ގޮތަށް ހަމަޖެހިއްޖެ ކަމަށް އެ ގައުމުގެ ރައީސް ކްލައުޑިއާ ޝެއިންބޯމް އިއުލާނުކުރައްވައިފި އެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން، މި ފަހަރުގެ ވޯލްޑް ކަޕްގައި ބައިވެރިވުމަށް އީރާނުން ވަނީ ފީފާއަށް 10 ޝަރުތެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވިސާ ހަމަޖައްސައިދިނުމާއި، ސިޔާސީ ހަމަނުޖެހުންތަކަށް ފުރުސަތު ނުދިނުމާއި، ފުރިހަމަ ސެކިއުރިޓީ ފޯރުކޮށްދިނުން ހިމެނެ އެވެ. ނަމަވެސް އެމެރިކާ ސަރުކާރުން މީގެ ތެރެއިން ބައެއް ކަންކަން ފުރިހަމަ ނުކޮށްދެވޭނެކަން އެންގުމުން، ފީފާއިން ވަނީ ކުއްލި ގޮތަކަށް އީރާނުގެ ބޭސް ކޭމްޕް މެކްސިކޯއަށް ބަދަލުކޮށްފަ އެވެ.

މެކްސިކޯގެ ރައީސް ވިދާޅުވީ އީރާން ޓީމަށް މަރުހަބާ ކިޔުމަށް އެ ގައުމު އޮތީ ތައްޔާރަށް ކަމަށާއި، އެމެރިކާއިން އީރާނަށް އެ ގައުމުގައި މަޑުކުރުމުގެ ހުއްދަ ނުދިން ނަމަވެސް މެކްސިކޯގައި ތިބުމުގެ ފުރިހަމަ އިންތިޒާމް ފީފާގެ އެދުމުގެ މަތިން ހަމަޖައްސައިދޭނެ ކަމަށެވެ. މީގެ ކުރިން ކެނަޑާއިން ވެސް ވަނީ އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ހިމެނޭހެން ބައެއް އިސްވެރިންނަށް ވިސާ ދިނުމަށް ދެކޮޅު ހަދައި، ފީފާ ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ހަނިކޮށްފަ އެވެ.

މި ވަގުތު ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ތުރުކީގައި ތަމްރީނުތައް ފުރިހަމަކުރަމުންދާ އީރާން ޓީމު ލައްވާލާފައިވަނީ މުބާރާތުގެ ގްރޫޕް ޖީ ގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ބެލްޖިއަމް، މިސްރު އަދި ނިއުޒީލެންޑެވެ. ޝެޑިއުލްގައިވާ ގޮތުން އީރާނުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި އޮތީ އެމެރިކާގެ ލޮސް އެންޖެލްސް އާއި ސިއޭޓަލްގަ އެވެ. ނަމަވެސް ޓީމު މުޅި މުބާރާތުގައި ވެސް ކޭމްޕްކޮށްގެން ތިބޭނީ މެކްސިކޯގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.