ދާޚިލީ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާއާ ދެމެދު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.
މައުލޫމާތާއި ވަސީލަތްތައް ހިއްސާކުރުމުގެ އިތުރުން، ފުލުހުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދޭ މި ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. އަދި މިސްރު ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ޑެޕިއުޓީ މިނިސްޓަރ ފޯ ޕަބްލިކް ސެކިއުރިޓީ އަދި ހެޑް އޮފް ދަ ސުޕްރީމް ކައުންސިލް އޮފް ދަ ޕޮލިސް، ޖެނެރަލް މަޙްމޫދު އަބޫ އަމްރާއެވެ.
މި މުހިންމު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މި މަހުގެ 17 އިން 21 އަށް ސީޕީ އަޙްމަދު މުޙައްމަދު މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ދެ ގައުމުގެ ދެމެދުގައި ސަލާމަތީ ކަންކަމުގައި ތަޖުރިބާ ހިއްސާކުރުމާއި، ފުލުހުންނަށް އިތުރު ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމާ ގުޅޭގޮތުން މިސްރުގެ އިސް އޮފިޝަލުންނާއެކު ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި ކުރިމަގުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުންތަކުގައި ވާހަކަދެކެވިފައިވެއެވެ.
ކޮމެންޓު ފޮނުވާ