ނިޔާވި އެމްއެންޑީއެފްގެ ޑައިވަރުގެ މަރު ފުލުހުން ތަހުގީގުކުރަން ފަށައިފި

ނިޔާވި އެމްއެންޑީއެފްގެ ޑައިވަރުގެ މަރު ފުލުހުން ތަހުގީގުކުރަން ފަށައިފި

Author
އަހުމަދު
20 މެއި 2026 09:53
0

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައެއްގައި ގެއްލުނު އިޓަލީގެ ފަތުރުވެރިންތަކެއް ހޯދުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ މަރުގެ މައްސަލަ ދިވެހި ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ނުރައްކާތެރި އެތައް ހާދިސާއެއްގައި ފީނާފައިވާ ރާއްޖޭގެ އެންމެ މޮޅު އެއް ޑައިވަރު ކަމަށްވާ މަހުދީ ނިޔާވީ މިދިޔަ ހޮނިހިރު ދުވަހު އެ ހޮހޮޅައިގެ ތެރޭގައި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭނާގެ ހަށިގަނޑު ފުލުހުންގެ ޑައިވަރުން ނަގައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ. ފުލުހުން މިރޭ ބުނެފައިވަނީ މަހުދީގެ މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މަހުދީގެ މަރާ ގުޅިގެން މެދުކަނޑާލި މީހުން ހޯދުމުގެ އޮޕަރޭޝަން އަލުން ކުރިއަށް ގެންގޮސްފައިވަނީ ފަހުން ރާއްޖެ އައި ފިންލެންޑްގެ ތިން ޑައިވަރެއްގެ އެހީތެރިކަމާއެކުގައެވެ. އެ މީހުންގެ މަސައްކަތުން އިޓަލީގެ އަނެއް ހަތަރު ފަތުރުވެރިންގެ ހަށިގަނޑު މިހާރު ވަނީ ހޮހޮޅައިން ނަގާފައެވެ. މި ހާދިސާގައި ޖުމްލަ ފަސް އިޓަލީ މީހަކު ނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ 44 އަހަރުގެ އިންސްޓްރަކްޓަރު (ޖިއަންލުކާ ބެނެޑެޓީ) ގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހޮހޮޅައިގެ ދޮރުމަތިންނެވެ. ދެން ނިޔާވެފައިވަނީ މޮނިކާ މޮންޓެފަލްކޯން (52އ) އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (20އ) އާއި، މުރީއެލް އޮޑެނިނޯ (31އ) ގެ އިތުރުން ފެޑެރީކޯ ގުއަލްޓިއަރީ (31އ) އެވެ.

މި ހިތާމަވެރި ހާދިސާ އިޓަލީގެ ރޯމްގެ ޕްރޮސިކިއުޓަރުންގެ އޮފީހުންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ނިޔާވި ފަތުރުވެރިންގެ ހަށިގަނޑުތައް އިޓަލީއަށް ގެންދިއުމަށްފަހު، މަރުވި ސަބަބު ޔަގީންކުރުމަށް އޮޓޯޕްސީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.