ސްކޭމްކޮށްގެން އަތުލި ފައިސާގެ 45 އިންސައްތަ އެންޓި ސްކޭމް ސެންޓަރުން އަނބުރާ ހޯދައިފި

ސްކޭމްކޮށްގެން އަތުލި ފައިސާގެ 45 އިންސައްތަ އެންޓި ސްކޭމް ސެންޓަރުން އަނބުރާ ހޯދައިފި

Author
އަހުމަދު
20 މެއި 2026 10:04
0

ފާއިތުވި ހަފުތާގެ ތެރޭގައި ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 45 އިންސައްތަ ފައިސާ އަނބުރާ ހޯދިފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް އެ ސެންޓަރަށް ޖުމްލަ 37 ސްކޭމް މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގައި މަކަރާއި ހީލަތުން 324،774.50 ރުފިޔާ އަތުލާފައިވީ ނަމަވެސް، އެންޓި ސްކޭމް ސެންޓަރާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރި އަވަސް މަސައްކަތުން އޭގެ ތެރެއިން 145،167 ރުފިޔާ ވަނީ ސަލާމަތްކޮށް އާންމުންނަށް އަނބުރާ ހޯދައިދީފައެވެ.

މި މުއްދަތުގައި މީހުންނަށް އޮޅުވާލުމަށް މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ އައިބޭ، ފޭސްބުކް މާކެޓްޕްލޭސް، ފޯނު ކޯލު އަދި ތަފާތު އޮންލައިން މެސެޖިންގ އެޕްލިކޭޝަންތަކެވެ. ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާފައިވާ 19 މައްސަލައަކާއި، އެހެން މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 8 މައްސަލަ ހިމެނެއެވެ. އަދި ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 4 މައްސަލައެއްގެ އިތުރުން، އާ އުކުޅުތައް ބޭނުންކޮށްގެން ހިންގާފައިވާ އެހެނިހެން 6 މައްސަލައެއްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މި ހަފުތާގެ ތެރޭގައި ވަޒީފާގެ ފުރުސަތުތައް ދައްކައިގެންނާއި، ފިޝިންގ އަދި ވިޝިންގ މެދުވެރިކޮށް ހިންގާ ސްކޭމްތަކުގެ އެއްވެސް މައްސަލައެއް ރިޕޯޓުކޮށްފައި ނުވުމެވެ. އެންޓި ސްކޭމް ސެންޓަރުން ފާހަގަކުރާ ގޮތުގައި މިއީ މިފަދަ ކަންކަމަށް އާންމުން ވަރަށް ބޮޑަށް ހޭލުންތެރިވެފައިވާކަން އަންގައިދޭ ހެޔޮ ބަދަލެކެވެ.

އެ ސެންޓަރުން ވަނީ ފައިސާގެ މުއާމަލާތެއް ކުރުމުގެ ތެރެއިން ނުވަތަ ފަހުން ނަމަވެސް ޝައްކުކުރެވޭ ކަމެއް ފާހަގަވާނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައެވެ. ސަބަބަކީ، މައްސަލަ އަވަހަށް ރިޕޯޓުކުރާ ވަރަކަށް، ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެ، އިތުރު ބަޔަކު މިފަދަ ކަންކަމުގެ ޝިކާރައަކަށް ވުމުން ސަލާމަތް ކުރެވޭނެތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.