ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ޢީދު ކަމަށްވާ ފީފާ ވޯލްޑް ކަޕް ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ތައްޔާރުކޮށްފައިވާ ޚާއްޞަ ކަވަރޭޖް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މި ކަވަރޭޖް ޝަރަފުވެރިކޮށްދެއްވައި ލޯންޗުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި، އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤްގެ އިތުރުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަކީބާއި ކުޅިވަރު އާއިލާގެ ގިނަ ބަޔަކު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކަވަރޭޖުގެ ދަށުން ވޯލްޑް ކަޕަށް ޚާއްޞަކޮށްގެން ގިނަ ޕްރޮގްރާމްތަކަކާއި މެޗު ޝޯތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މެޗުތައް ތަޙުލީލުކުރުމަށް ރާއްޖޭގެ ފާހަގަކޮށްލެވޭ ކުޅިވަރު ތަރިންނާއި ތަޖުރިބާކާރުން ހިމެނޭ ބޮޑު ޓީމެއް ވަނީ އެކުލަވާލާފައެވެ. އޭގެ ތެރޭގައި ޢަލީ ސުޒެއިން، މައުރޫފް އަޙްމަދު، މުޙައްމަދު ޝިޔާޒް، ސޮބާޙް މުޙައްމަދު، އަޙްމަދު ފައްރާޙް، އިބްރާހީމް ސަޢީދު އަދި އިތުރު އެނެލިސްޓުންނާއި ޙަފްސީ، އަޒްމީން އަދި އައްފާން ފަދަ ހުނަރުވެރި ޕްރެޒެންޓަރުން ހިމެނެއެވެ. މީގެ އިތުރުންވެސް އާންމުންގެ ބައިވެރިވުން ހިމެނޭ ކާނިވަލެއް ގޮތަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.
މި ރަސްމިއްޔާތުގައި ވަނީ މިއަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރާ ރަސްމީ ބޯޅަ "ޓްރިއޮންޑާ" ވެސް ތަފާތު ގޮތަކަށް ދައްކާލާފައެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި 48 ޤައުމަކާއެކު ކުޅޭ މި ފޯރިގަދަ މުބާރާތް، މީޑިއާނެޓާއި ޕީއެސްއެމް ގުޅިގެން މުޅިން ހިލޭ ދިވެހިންނަށް ބަލައިލެވޭނެ އިންތިޒާމު މިފަހަރު ވަނީ ހަމަޖައްސާފައެވެ. މިއީ ތާރީޚުގައިވެސް މީޑިއާނެޓް ކަނެކްޝަނެއް އޮތް ކޮންމެ ފަރާތަކަށް އެއްވެސް އިތުރު ޗާޖަކާ ނުލައި ވޯލްޑް ކަޕް ބަލައިލަން ފުރުޞަތު ލިބޭ ފުރަތަމަ ފަހަރެވެ. ޕީއެސްއެމްގެ އަމާޒަކީ މުބާރާތުގެ ފޯރި ރާއްޖޭގެ ކޮންމެ ގެއެއްގެ ސިޓިންގރޫމާއި ޖަގަހަތަކާ ހަމައަށް އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުމެވެ.
ކޮމެންޓު ފޮނުވާ