ސަރުކާރާއި މުހިންމު ސިނާއަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑޭޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން އުފެއްދި 'މޯލްޑިވްސް އޭއައި ލެބް' މިއަދު އިފުތިތާހުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'މޯލްޑިވްސް 2.0′ ޑިޖިޓަލް ތަސައްވުރުގެ ދަށުން އުފެއްދި މި ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙުސާނެވެ. މިއީ މައިންޑްކޯއާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ 'ކޯލެބް 26′ އިވެންޓް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ތަޢާރަފުކުރި ޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، މަސައްކަތުގެ ދުވެލި އަވަސްކުރުމާއެކު ހިންގުމުގެ ނިޒާމު ހަރުދަނާކުރުމެވެ. މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރު ސަޢީދާ ޢުމަރު ވިދާޅުވި ގޮތުގައި، މިފަދަ ޤައުމީ މަރުކަޒެއް ޤާއިމުކުރުމުން، ދިވެހިންގެ ސަގާފަތާއި ރާއްޖޭގެ ޙާލަތާ ގުޅޭ އެންމެ އެކަށީގެންވާ ޙައްލުތައް އޭއައި އަދި ޑޭޓާގެ އެހީގައި ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ ކުރިއަށް އޮތް ޑިޖިޓަލް ބަދަލުތަކަށް ސަރުކާރުން ކުރާ މުހިންމު އިންވެސްޓްމަންޓެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ޤައުމީ ބޭންކުގެ ދައުރު ހަމައެކަނި މާލީ ޚިދުމަތްތަކަކަށް ހަނިވެފައި ނުވެއެވެ. އޭގެ ބަދަލުގައި އިޤުތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، އީޖާދީ ބަދަލުތަކުގެ ފައިދާ މުޅި މުޖުތަމަޢުއަށް ފޯރުކޮށްދިނުމަކީ ބޭންކުގެ އަމާޒެކެވެ. އަދި މި ސެންޓަރުގެ ސަބަބުން ރާއްޖޭގެ ހުނަރުވެރިން ކުރިއަރައި، ވިޔަފާރިތަކަށް ބާރުވެރިކަން ލިބި، ވަރުގަދަ ޑިޖިޓަލް މާޙައުލެއް ބިނާކުރެވޭނެކަމަށް އޭނާ އުންމީދުކުރައްވައެވެ.
މި ލެބް އިފުތިތާހުކުރުމާއެކު ފެށި 'ކޯލެބް 26′ އަކީ އޭއައި ބޭނުންކުރުމުގައި ރާއްޖެއިން ގެންގުޅޭނެ ޤައުމީ އުޞޫލުތަކާއި ސްޓްރެޓަޖީތައް އެކުލަވާލުމަށް ކުރިއަށްގެންދާ ހަތަރު ދުވަހުގެ ޕްރޮގްރާމެކެވެ. ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގެ އިސްވެރިންނާއި ފަންނީ މާހިރުންގެ އިތުރުން ސޮފްޓްވެއާ ޑިވެލޮޕަރުން ބައިވެރިވާ މި ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުމަށް މަސައްކަތްކުރާނެއެވެ. އަދި ފަހު ދެ ދުވަހު ކުރިއަށްދާނީ ތަޖުރިބާކާރުންގެ އިރުޝާދާއެކު ކުރިއަށްގެންދާ ޚާއްޞަ ހެކަތަންއެކެވެ.
ކޮމެންޓު ފޮނުވާ