ގެއްލުނު އިޓަލީ ޑައިވަރުންގެ ހަށިގަނޑުތައް ކޭވް ތެރެއިން ހޯދައިފި

ގެއްލުނު އިޓަލީ ޑައިވަރުންގެ ހަށިގަނޑުތައް ކޭވް ތެރެއިން ހޯދައިފި

Author
އަހުމަދު
18 މެއި 2026 03:37
0

ވ. އަތޮޅުގެ ކަނޑުމިޔަރު ކޭވްގައި ގެއްލިފައިތިބި ހަތަރު އިޓަލީ ޑައިވަރުންގެ ހަށިގަނޑުތައް ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ހަށިގަނޑުތައް ފެނިފައިވަނީ، އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން އަދި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި ހާއްސަ އޮޕަރޭޝަނުގަ އެވެ. ހަށިގަނޑުތައް ހުރީ، ޑައިވަރުން ފީނި ކޭވް ތެރޭގަ އެވެ. ކުރިއަށް ހުރި ޑައިވްތަކުގައި ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ގެއްލުނު ޑައިވަރުން ހޯދުމުގެ ސާޗް އޮޕަރޭޝަން ކުރިން ހުއްޓިފައި އޮތީ، ހޯދުމުގެ މަސައްކަތުގައި ބައިވެރިވި ސިފައިންގެ އޮފިސަރެއް ކަމަށްވާ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ހޮނިހިރު ދުވަހު ނިޔާވުމާ ގުޅިގެންނެވެ. ފަހުން އޮޕަރޭޝަން ކުރިއަށް ގެންދިޔައީ، އިޓަލީ ސަރުކާރުން ހަމަޖެއްސި ފިންލެންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުން ބައިވެރިކޮށްގެންނެވެ.
ހާދިސާ ހިނގީ، ގާތްގަނޑަކަށް 60 މީޓަރު ފުންމިނުގައި ހުންނަ ކޭވްއަކަށް ފަސް އިޓަލީ ފަތުރުވެރިން ފީނި ތަނުންނެވެ. ރާއްޖޭގެ ޓޫރިސްޓް ޑައިވިން ގަވާއިދުގެ ދަށުން، ހުއްދަ ލިބިގެން ފީނެނީ 30 މީޓަރާ ހަމައަށެވެ. ގަވާއިދާ ހިލާފަށް ޑައިވަރުން ގޮވައިގެން ފީނި “އެމްވީ ޑޫކް އޮފް ޔޯކް” ސަފާރީގެ ލައިސަންސް ވަނީ ހިފަހައްޓައިފަ އެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.