ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ނިއުކްލިއާ އިންޖީނުގެއަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާ ސައުދީ އަރަބިއްޔާއިންނާއި އަރަބި އެހެން ގައުމުތަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ހުޅަނގު ބޯޑަރުން ތިން ޑްރޯން ވަދެފައިވާއިރު، އޭގެ ތެރެއިން ދެ ޑްރޯން ވަނީ ހުއްޓުވާފައެވެ. ނަމަވެސް ތިންވަނަ ޑްރޯން ވަނީ އަބޫދާބީގައި ހުންނަ ބަރަކާ ނިއުކްލިއާ އިންޖީނުގޭގެ ބޭރުގައިވާ ކަރަންޓު ޖަނަރޭޓަރަކަށް އަމާޒުވެ، އާދީއްތަ ދުވަހު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު، ރޭޑިއޮލޮޖިކަލް ސޭފްޓީއަށް ނުވަތަ ރޭޑިއޭޝަންގެ އެއްވެސް ނުރައްކަލެއް ނެތްކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން މި އަމަލު ބަލައިނުގަނެވޭނެ ކަމަށް ބުނެފައިވާއިރު، ހަމަލާގެ އަސްލު ދެނެގަތުމަށް އޮފިޝަލުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މި ހަމަލާއަކީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ސައުދީ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޔޫއޭއީގެ ސަލާމަތާއި އިސްތިގުލާލު ދެމެހެއްޓުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ތާއީދުކުރާނެކަމަށް ސައުދީން ވަނީ ބުނެފައެވެ. ސައުދީގެ އިތުރުން ކުވައިތާއި، ބަހްރެއިން އަދި އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަބޫލްޣައިތު ވެސް ވަނީ މި ނުރައްކާތެރި ހަމަލާ ކުށްވެރިކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ