ވ. އަތޮޅުގައި 60 މީޓަރު އަޑީގައިވާ ހޮހޮޅައަކަށް ފީނި އިޓަލީގެ ޑައިވަރުންތަކެއް ހޯދުމުގެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮފިސަރަކު ނިޔާވުމާ ގުޅިގެން އެ އޮޕަރޭޝަން ވަގުތީގޮތުން މިއަދު މެދުކަނޑާލައިފި އެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ، ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ ކޯސްޓްގާޑުގެ ޓީމުން ކުރަމުންދިޔަ މަސައްކަތް ހުއްޓާލަން ޖެހުނީ އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މިއަދު މެންދުރު ފަހު ނިޔާވުމާ ގުޅިގެން ކަމަށެވެ.
މަސައްކަތް ވަގުތީގޮތުން މަޑުޖައްސާލި ނަމަވެސް، އިޓަލީގެ "ޑޭން" ކުންފުނިން ހަމަޖައްސައިގެން ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ޓެކްނިކަލް އާލާތްތަކާއެކު މާދަމާ ހެނދުނު ރާއްޖެ އައުމުން އަލުން އޮޕަރޭޝަން ފަށާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އެ ޓީމުން ސިފައިންނާ ބައްދަލުކޮށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާނެ އެވެ. މީގެ އިތުރުން އިނގިރޭސިވިލާތާއި، އެމެރިކާ އަދި އޮސްޓްރޭލިއާއިން ވެސް ވަނީ މި އޮޕަރޭޝަނަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭން ހުށަހަޅާފަ އެވެ.
"އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީން ފީނަން ގޮސް އުޅެނިކޮށް ގެއްލުނީ ހަތަރު ފަތުރުވެރިންނާއި ޑައިވިން އިންސްޓްރަކްޓަރެކެވެ. މީގެ ތެރެއިން އެކެއްގެ ހަށިގަނޑު ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓު) އަޑީގައިވާ ކޭވްއެއްގެ ތެރެއިން ވަނީ ފެނިފަ އެވެ. ދިގުމިނުގައި 200 ފޫޓު ހުންނަ އެ ހޮހޮޅައިގެ ތެރޭގައި ބާކީ ތިބި ހަތަރު މީހުން ވެސް ތިބޭނެ ކަމަށް ލަފާކުރެވޭއިރު، ރާއްޖޭގައި ޑައިވްކުރުމުގެ ހުއްދަ ގާނޫނީ ގޮތުން އޮންނަ އެންމެ ފުންމިނަކީ 30 މީޓަރެވެ.
ކޮމެންޓު ފޮނުވާ