އިޓަލީ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި ނިޔާވި މަހުދީ ފެނުނީ ހޭނެތިފައި އޮއްވައި!

އިޓަލީ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި ނިޔާވި މަހުދީ ފެނުނީ ހޭނެތިފައި އޮއްވައި!

Author
އަހުމަދު
16 މެއި 2026 09:21
0

ވ. އަލިމަތާ ކައިރީ ކަނޑު އަޑީގެ ހޮހޮޅައެއްގައި ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދަން އުޅުމުގެ ތެރޭގައި މިއަދު ނިޔާވި ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ، ފެނުނީ ކަނޑު އަޑީގައި ހޭނެތިފައި އޮއްވައިކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ބީބީސީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދުގެ އޮޕަރޭޝަނުގައި ޖުމްލަ އަށް ރެސްކިއު ޑައިވަރުން ހަރަކާތްތެރިވި ކަމަށެވެ. އެގޮތުން ޑައިވް ނިންމާލުމަށްފަހު އެހެން ޑައިވަރުން މައްޗަށް އެރިއިރު މަހުދީގެ ޚަބަރެއް ނުވުމުން، ވަގުތުން އަލުން ފީނައިގެން ބެލިއިރު އޭނާ އޮތީ ހޭނެތިފައި ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ހޭނެތިފައި އޮއްވައި ފެނުނު ވަގުތު އޭނާ ސަލާމަތް ކުރުމަށްޓަކައި އަވަހަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ. މަހުދީ ނިޔާވީ ފީނުމުގެ ސަބަބުން ދިމާވާ "ޑީކޮމްޕްރެޝަން ސިކްނެސް" ނުވަތަ ޕްރެޝަރު ބަލީގެ ސަބަބުންކަން ކަށަވަރުކޮށްދެއްވަމުން، މިއީ މި އޮޕަރޭޝަންގެ ނުރައްކާތެރިކަން ހާމަވެގެންދާ ހިތާމަވެރި ހާދިސާއެއްކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ނިޔާވި މުޙައްމަދު މަހުދީއަކީ، މިދިޔަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސަރަޙައްދަށް ވަޑައިގަތުމުން، މީހުން ސަލާމަތްކުރުމުގެ ޕްލޭން އެމަނިކުފާނާ ޙިއްޞާކުރެއްވި ޓީމުގައި ހިމެނިވަޑައިގަންނަވާ ޤާބިލު ބޭކަލެކެވެ. މަހުދީގެ ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާ މިހާރު ވަނީ ސާޖަންޓް ފަސްޓް ކުލާސްގެ މަޤާމަށް ޕްރޮމޯޓްކުރައްވާފައެވެ. އަދި އޭނާގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.