ވ. އަތޮޅުގައި ގެއްލިގެން ހޯދަމުންދާ އިޓަލީގެ ފަތުރުވެރިންތަކެއް ހޯދުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ސިފައިންގެ ޑައިވަރަކު ނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި، ފެލިދެއަތޮޅުގައި ކަނޑުއަޑީގައި ހިންގަމުންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރެއިން މިއަދު ފީނި ސިފައިންގެ މީހެއްގެ ހާލު ކުއްލިއަކަށް ދެރަވެގެން ވަނީ މާލެ ގެނެސްފައެވެ. ނަމަވެސް އޭޑީކޭ ހޮސްޕިޓަލަށް އޭނާ ގެންދެވުނުއިރުވެސް ވަނީ ނިޔާވެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެންމެ މީހެއްގެ ހަށިގަނޑެވެ. އޭނާ ފެނިފައިވަނީ 60 މީޓަރު އަޑީގައިވާ ހޮހަޅައެއްގެ ތެރެއިން މަރުވެފައި އޮއްވައި އިރުއޮއްސި 18:13 ހާއިރުއެވެ. ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް ސިފައިން އަދިވެސް ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ފަތުރުވެރިން ގޮވައިގެން ޑައިވިންއަށް ދިޔަ ސަފާރީގެ އޮޕަރޭޓިންގ ލައިސަންސް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ހުރިހާ އޮޕަރޭޓަރުންވެސް ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ގޮވާލާފައެވެ. އަދި މިފަދަ މިންގަނޑުތައް ނުހިފަހައްޓާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަމުންދާނެކަމުގެ އިންޒާރުވެސް އެ މިނިސްޓްރީން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ