ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން، ގައުމު ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރައްވަން އެއްބަސްވެއްޖެ

ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން، ގައުމު ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރައްވަން އެއްބަސްވެއްޖެ

Author
އަހުމަދު
15 މެއި 2026 10:00
0

ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީންގެ އިތުރުން އިބްރާހިމް މުހައްމަދު ސޯލިހު ގުޅިވަޑައިގެން، ގައުމު ހަމަމަގަށް އެޅުވުމަށްޓަކައި އެކުގައި މަސައްކަތް ކުރެއްވުމަށް ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

މިރޭ ބޭއްވި ގާތްގަނޑަކަށް 30 މިނެޓުގެ ބައްދަލުވުމަކަށްފަހު، މި ތިން ބޭފުޅުން ސޮއިކުރެއްވި އެއްބަސްވުމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ސަރުކާރުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކަށް އަރައިގަނެ، ކޯޓުތަކަށާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި ނުފޫޒު ފޯރުވަމުންދާކަމަށް ވަނީ ތުހުމަތުކުރައްވާފައެވެ. މީގެ އިތުރުން، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، އިގުތިސޯދު ހީނަރުވެ، ތަކެތީގެ އަގު ބޮޑުވެފައިވާއިރު، ދައުލަތުގެ ފައިސާ އާއި މުދާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގައި ސަރުކާރަށް އޮތް އިތުބާރު ގެއްލިފައިވާކަން ވެސް އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ދިވެހިން ހޯދި ޑިމޮކްރަސީގެ ހަމަތައް ނެތިދާތީ އެކަންކަން އިޔާދަކުރުމަށް ގުޅިގެން މަސައްކަތްކުރަން ނިންމެވިއިރު، ތިން ރައީސުންގެ އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ކަމަކަށް ގޮވާލައްވާފައިވަނީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުން ހުއްޓާލުމަށެވެ. އެގޮތުން، ކްރިމިނަލް ކޯޓުގެ ގެގް އޯޑަރާ ހިލާފުވިކަމަށް ބުނެ ޖަލަށްލާފައިވާ ދެ ނޫސްވެރިންނާއި، އެކަމާ ދެކޮޅަށް އަޑުއުފުލައިގެން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށާއި، 'އަދަދު' ނޫހުގެ ދެ ނޫސްވެރިއެއްގެ މައްޗަށް ހިންގާ ޝަރީއަތްތައް ހުއްޓާލުމަށް ވެސް މި އެއްބަސްވުމުގައި އެ ބޭފުޅުން ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.