ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން ހަނދާންކޮށްދީ، ހެޔޮ އަމަލުތައް ގިނަކުރަން ޚުތުބާގައި ގޮވާލައިފި

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން ހަނދާންކޮށްދީ، ހެޔޮ އަމަލުތައް ގިނަކުރަން ޚުތުބާގައި ގޮވާލައިފި

Author
އަހުމަދު
15 މެއި 2026 01:21
0

ދުނިޔެމައްޗަށް އަންނަ އެންމެ މާތް ދުވަސްތައް ކަމުގައިވާ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ހެޔޮ އަމަލުތައް ގިނަކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުސްލިމުންނަށް ގޮވާލައިފިއެވެ.

މިއަދުގެ ޚުތުބާ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހައެއްގެ މާތްކަމުގެ މައްޗަށެވެ. ޚުތުބާގައި ބުނެފައިވާ ގޮތުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޙުރުމަތްތެރި ހަތަރު މަހުގެ ތެރެއިންވެސް މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ ޙައްޖު މަހެވެ. އަދި އެ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ސާލިޙު އަމަލުކުރުން ހެޔޮކަން ބޮޑުވެގެންވާ ދުވަސްތަކެއްކަން ރަސޫލާގެ ޙަދީޘްބަސްފުޅުތަކުން ސާބިތުވާކަން ވަނީ ފާހަގަކޮށްފައެވެ. ޖިހާދުކުރުމަށްވުރެ މަތިވެރިވެގެންވަނީ ހަމައެކަނި މުދަލާއި ފުރާނައިން ޤުރުބާންވެ، އެއިން އެއްވެސް އެއްޗަކާ ނުލައި އެނބުރި އަންނަ މީހާގެ ޢަމަލު އެކަނިކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

މި މަތިވެރި ދުވަސްތަކުގެ ފުރިހަމަ ދަރުމަ ހާސިލުކުރުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ ދުވަސްތައް ފެށުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން ފަރުޟު ނަމާދުތަކާއި ސުންނަތްތަކަށް ރައްކާތެރިވުމަށާއި، ޤުރުއާން ކިޔެވުމާއި، ރޭއަޅުކަންކުރުމާއި، ގިނަގިނައިން ދުޢާކުރުމަށް ވަނީ ބާރުއަޅާފައެވެ. ޚާއްޞަކޮށް މި ދުވަސްތަކުގައި ރޯދަހިފުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، އޭގެ ތެރެއިންވެސް ޙައްޖު މަހުގެ ނުވަވަނަ ދުވަހު ހިފާ ރޯދައަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވައިދޭނެ އަމަލެއްކަން ވަނީ ބަޔާންކޮށްދީފައެވެ.

ހެޔޮ އަމަލުތަކުގެ ތެރެއިން އުޟުޙިޔާ ކަތިލުމުގެ މުހިންމުކަމަށްވެސް ޚުތުބާގައި އަލިއަޅުވާލިއެވެ. އެއީ ގަދަވެގެންވާ ސުންނަތެއްކަމާއި، ގެރި، ބަކަރި، ޖަމަލު ފަދަ ނަޢަމްސޫފީގެ ތެރެއިން އެއްޗެއް ޢީދު ނަމާދަށްފަހު އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހުގެ އިރުއޮއްސުމާ ހަމައަށް ކަތިލުމުގެ ވަގުތު ފުރުޞަތު އޮންނާނެކަން ވަނީ އަންގައިދީފައެވެ.

ޚުތުބާ ނިންމާލަމުން ވަނީ، މިފަދަ މާތް ދުވަސްވަރެއްގައި ދޮގުހެދުމާއި، ނެތިމޮށުމާއި، އަރާރުންވުމާއި، ފިތުނަފަސާދަ އުފެއްދުން ފަދަ އެންމެހައި ނުބައި އަމަލުތަކުން ދުރުހެލިވެ، މާތް ﷲ ރުހިވޮޑިގެންނުވާ އެއްވެސް ކަމަކަށް އަރައިނުގަތުމަށް އިލްތިމާސްކޮށްފައެވެ. އަދި ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ރައްޔިތުންނަށް ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.