އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންނެވި އަށް މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ނިންމައިފިއެވެ.
މި މައްސަލަ ކޯޓަށް ގެންދަވަން އިސްނެންގެވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިންއެވެ. އޭނާ ވިދާޅުވި ގޮތުގައި، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ މިހާރު ހިނގަމުންދާ މަޖިލީހުގެ މެންބަރުންގެ މައްޗަށްވެސް ހިނގާނެ އިސްލާހެއްކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، ގާނޫނީ ގޮތުން ބަލާއިރު މިވަގުތުވެސް މަޖިލީހުގައި ގޮނޑި ގެއްލިފައިވާ ހައެއްކަ މެންބަރުން އެބަތިބިކަމަށާއި، އެ މެންބަރުންގެ މައްސަލަ ކޯޓަށް ވެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަމިއްލަ ގޮތުން އިންތިޚާބުވުމަށްފަހު ޕީއެންސީއަށް ސޮއިކުރެއްވުމުގެ ސަބަބުން ގޮނޑިއާމެދު ސުވާލު އުފެދިފައިވާ މެންބަރުންގެ ތެރޭގައި ހިމެނެނީ، ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދު، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް، ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް، ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ، ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުއްއަޒީޒު، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.
އެންޓި-ޑިފެކްޝަން ނުވަތަ ފްލޯ ކްރޮސިންގ އާ ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އަލީ ހުސައިން ކުރިން ހުށަހެޅުއްވި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ، އެ އިސްލާހު ތަސްދީގުކުރި ހިސާބުން ފެށިގެން މިހާރުގެ މެންބަރުންގެ މައްޗަށްވެސް އެ ގާނޫނު ހިނގާނެ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ނޫންކަމަށްވެސް އެންމެ މަތީ ކޯޓުގެ ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ.
ކޮމެންޓު ފޮނުވާ