އިންޑިއާ ކަނޑުގެ މައި ކަނޑުއޮޅިތަކުގެ ކޮންޓްރޯލް އޮތީ ރާއްޖެއަށް، އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރަން ޖެހޭ: މޭޖަރ ޖެނެރަލް ހިލްމީ

އިންޑިއާ ކަނޑުގެ މައި ކަނޑުއޮޅިތަކުގެ ކޮންޓްރޯލް އޮތީ ރާއްޖެއަށް، އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރަން ޖެހޭ: މޭޖަރ ޖެނެރަލް ހިލްމީ

Author
އަހުމަދު
10 މެއި 2026 06:09
0

އިންޑިއާ ކަނޑުގެ އެންމެ މުހިންމު ކަނޑުއޮޅިތައް ކޮންޓްރޯލް ކުރަނީ ދިވެހިރާއްޖެއިން ކަމަށާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރުމަށް އަސްކަރިއްޔާގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރަން ޖެހިފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންނަށް 134 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޖަރ ޖެނެރަލް ހިލްމީ ވަނީ ރާއްޖޭގެ ޖިއޮގްރަފީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރާއްޖޭގެ ބިމާއި، ކަނޑާއި، ވައިގެ އިތުރުން ޖައްވީ ސަރަހައްދު ހިމާޔަތްކުރުމަކީ ޤާނޫނުއަސާސީން ސިފައިންނާ ހަވާލުކޮށްފައިވާ އެންމެ ބޮޑު އަމާނާތްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ 200 މޭލުގެ އިޤްތިސާދީ ސަރަހައްދުގެ އެތެރެއާއި ބޭރުން އަންނަ ނުރައްކާތަކާ ސިފައިންގެ ޤާނޫނުގެ ތެރެއިން ކުރިމަތިލާންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެ އޮންނަ ސްޓްރެޓީޖިކް ލޮކޭޝަނުގެ ސަބަބުން، އަހަރެއްގެ މައްޗަށް 70،000 އާއި 90،000 އާ ދެމެދުގެ އަދަދަކަށް އާގުބޯޓުފަހަރު ރާއްޖެ ހުރަސްކޮށް ދަތުރުކުރާކަން ހިލްމީ ފާހަގަކުރެއްވިއެވެ. މިއީ މުޅި ދުނިޔެއަށްވެސް ރާއްޖޭގެ ސަރަހައްދު މުހިންމުވާ މައިގަނޑު ސަބަބުކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، އިންޑިއާ ކަނޑުގައި ހިނގާ ކަނޑުފޭރުމާއި، ޓެރަރިޒަމާއި، މަސްތުވާތަކެތީގެ ވަގު ވިޔަފާރީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އިންޗިއެއްހާ ބޭރުގައި ތިބެގެން ކުރާ ޤާނޫނާ ހިލާފު މަސްވެރިކަމުގެ ސަބަބުން ރާއްޖެއަށް ސީދާ ގޮތުން ނުރައްކާތަކާ ކުރިމަތިލާންޖެހޭކަމަށް ވިދާޅުވިއެވެ.

މިފަދަ ގިނަ ގޮންޖެހުންތަކެއް ހުރުމާއެކު، ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން ބޭރުގައި ހިނގާ ކަންކަމަކީވެސް ޤައުމީ ސަލާމަތާއި މިނިވަންކަމަށް އޮތް ނުރައްކަލެއްކަމަށް ބަލައި، ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަންތައް އެއްގަމާއި، ކަނޑާއި، ވައިގެ އިތުރުން ޖައްވީ ސަރަހައްދުގައިވެސް ކުރިއަށްވުރެ އެތައް ގުނައެއް މިހާރު ފުޅާކޮށްފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.