ފ. ފީއަލީގައި މިދިޔަ މަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދިޔަ ބިދޭސީ މީހާ މަރުވެއްޖެއެވެ.
އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިމަހުގެ 4 ވަނަ ދުވަހު މަރުވެފައިވަނީ، ފީއަލީ ފަޅުތެރޭގައި އޮތް ތެޔޮ ދޯންޏެއްގައި ރޯވި ހާދިސާގައި ފިހުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 40 އަހަރުގެ ޑެލޯވާ އެވެ. އޭނާގެ ހަށިގަނޑުގެ 60 އިންސައްތަ ފިހިފައިވާއިރު، ފުރަތަމަ ފަރުވާދިނީ ފީއަލީ ސިއްހީ މަރުކަޒާއި ނިލަންދޫ ހޮސްޕިޓަލުގައެވެ. އޭނާގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލުމުގެ ހުރިހާ އިންތިޒާމުތަކެއް އިއްޔެ ވަނީ ހަމަޖައްސާފައެވެ.
މިދިޔަ މަހުގެ 9 ވަނަ ދުވަހު މި ހާދިސާ ހިނގަން މެދުވެރިވީ ތެޔޮ ދޯނީގެ ޕަމްޕު ސްޓާޓްކުރަން އުޅުމުގެ ތެރޭގައި ހުޅުހިފައިގެންނެވެ. ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު، އެ ސަރަހައްދަށް ވަނީ މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެންމެ ފުރަތަމަ ރޯވި ތެޔޮ ދޯންޏާއި އޭގެ ކައިރީގައި އޮތް ފާނައިގެ މަސްވެރިކަންކުރާ ދެ ދޯނި އެއްކޮށް އަނދައިގެން ގޮސްފައިވެއެވެ. މީގެ އިތުރުން އަލަށް ބަނދެފައިވާ ފައިބަރު ދޯންޏެއްގެ ގެގަނޑު އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބަނދަރު މަތީގައި ގާއިމުކޮށްފައި ހުރި ރަށުގެ އައިސްޕްލާންޓްވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަނދާފައެވެ.
ކޮމެންޓު ފޮނުވާ