މަރާމާތުގެ އިތުރު މަސައްކަތްތަކަށް ސަލްޓަން ޕާކު ވަގުތީގޮތުން ބަންދުކުރަނީ

މަރާމާތުގެ އިތުރު މަސައްކަތްތަކަށް ސަލްޓަން ޕާކު ވަގުތީގޮތުން ބަންދުކުރަނީ

Author
އަހުމަދު
04 މެއި 2026 12:31
0

މަރާމާތުގެ އިތުރު މަސައްކަތްތަކެއް ކުރުމަށްޓަކައި މާލޭގެ ސަލްޓަން ޕާކު ވަގުތީގޮތުން ބަންދުކުރަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ސަލްޓަން ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ނިންމަންޖެހޭ ބައެއް މަސައްކަތްތައް ކުރުމަށްޓަކައި މެއި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ފެށިގެން އެ ޕާކުގައި މަސައްކަތްތައް ކުރިއަށްދާނެއެވެ. އެހެންކަމުން، މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި އާންމުންނަށް ޕާކަށް ނުވަދެވޭނެހެން ވަގުތީގޮތުން ބަންދުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މިނިސްޓްރީން ވަނީ ނިހާޔަތަށް މާފަށް އެދިފައެވެ.

ކުރިން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުން އައި މި ޕާކާ ސަރުކާރުން ހަވާލުވީ، އެތަން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓޭކަމަށް ބުނެ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭގެ ފަހުން ޕާކު އިތުރަށް ތަރައްޤީކުރުމަށްޓަކައި މިދިޔަ އަހަރުގެ އޮގަސްޓު މަހުވެސް ތިން މަސްދުވަހުގެ މުއްދަތަކަށް ހައުސިންގ މިނިސްޓްރީން ވަނީ ޕާކު ބަންދުކޮށްފައެވެ.

މިއަހަރުގެ މާޗު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަލްޓަން ޕާކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ގާތުން ބައްލަވާލައްވާފައެވެ. އޭރު ސަރުކާރުން އަމާޒުހިފާފައި އޮތީ ނިމިދިޔަ ފިޠުރު އީދަށް ޕާކުގެ މަސައްކަތްތައް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލުމަށެވެ. ނަމަވެސް ބައެއް މަސައްކަތްތައް ނުނިމި ހުރުމުގެ ސަބަބުން އަނެއްކާވެސް މިވަނީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޕާކު ވަގުތީގޮތުން ބަންދުކުރަން ޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.