މާފުށީ ޖަލަށް ގިނަ އަދަދެއްގެ މަނާތަކެތި އެތެރެކުރަން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު މާފުށީ ޖަލުގެ ގޭޓު ކައިރިން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރީ މާސް، އުމުރުން 28 އަހަރުގެ މުޙައްމަދު ޝަހީރެވެ.
އޭނާ ހައްޔަރުކޮށް ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު، ޖަލަށް ވެއްދުން މަނާ ގިނަ ތަކެތި ވަނީ ފެނިފައެވެ. އޭގެ ތެރޭގައި 17 ސްމާޓް ފޯނާއި، 35 ޗާޖިންގ ކޭބަލާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 29 ޖޮއިންޓުގެ އިތުރުން އެޑަޕްޓަރަކާއި ހަތަރު ކައްޓާ އަދި ޕެން ޑްރައިވް ފަދަ ތަކެތި ހިމެނޭކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ