އިންތިޚާބަކާ ނުލާ އެމްޑީޕީގެ ވަގުތީ ޗެއަރޕާސަންކަން ހަމަޖައްސާ ދިނުމަށް އެޕާޓީގެ ގައުމީ މަޖިލިހުގައި ނަޝީދު އެދިވަޑައިގެންފިއެވެ.
ނަޝީދު މިކަމަށް އެދިވަޑައިގަތީ، މިވަގުތު ޕާޓީ ހިންގުމަށް ގައުމީ މަޖިލިހުން ހަމަޖައްސާފައިވާ އިސް ލީޑަރުންނާއި ގައުމީ މަޖިލިސް އެދޭނަމަ ޕާޓީގެ ވަގުތީ ޗެއަރޕާސަންކަމަށް ނަޝީދު އައްޔަން ކުރުމަށް ފެންނަ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ރާއީ ގައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕިގައި ކުރެއްވި މެސެޖަކަށް ދެއްވި ޖަވާބުގައެވެ. ރައީ އެދިވަޑައިގެންފައިވަނީ ރިޔާސީ ޕްރައިމަރިއާ ހަމައަށް ނަޝީދު ވަގުތީ ޗެއަރޕާސަންގެ މަގާމުގައި ހުންނެވުމަށެވެ. ރާއީ އަކީ މިހާރު ކުރިޔަށްދާ ކެމްޕޭންގަ ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.
ރާއީގެ މެސެޖަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެޕާޓީގެ ގައުމީ މަޖިލިހުން އެކަމަށް ގަބޫލުނަމަ ވަގުތީ ޗެއަރޕާސަންކަން ކުރެއްވުމަށް އެމަނިކުފާނުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގައެވެ.

އިންތިޚާބަކާ ނުލާ ވަގުތީ ޗެއަރޕާސަންކަން ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ނަޝީދު ވިދާޅުވިއިރު އެމަނިކުފާނު ގެންދަވަނީ އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުންނެވެ. ޗެއަރޕާސަންކަމަށް ނަޝީދުއާއި ވާދަކުރައްވަނީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއެވެ.
އެނގިފައިވާ ގޮތުގައި ޗެއަރޕާސަންކަމަށް ކުރިމަތިލެއްވުމަށް ރައީސް ނަޝީދު އަދި ފޯމު ހުށަހަޅައެއް ނުލައްވައެވެ. އެމަގާމަށް ކުރިމަތި ލެއްވުމުގެ އެންމެ ފަހުގެ ތާރީޚަކީ މާދަމާއެވެ.
ކޮމެންޓު ފޮނުވާ