ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން، ރާއްޖޭގެ އިގްތިސޯދު ކުރިއަރުވައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ހިއްސާކުރައްވައިފިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ގައުމުގެ އިގްތިސޯދީ ދުވެލި ހަލުވިކޮށް ދެމެހެއްޓުމަށްޓަކައި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަން ފާހަގަކުރައްވައި، ކުރީ ސަރުކާރުން ނުދައްކާ ހުރި އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ދަރަނި މިހާރު ކުދި ވިޔަފާރިތަކަށް ދައްކައި ހަލާސްކުރަމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން، ރައީސް މުއިއްޒު އަމިއްލަފުޅަށް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަމަލީގޮތުން ހައްލު ހޯއްދަވައިދެއްވާފައިވާކަން ވެސް ވިދާޅުވިއެވެ.
ދިވެހި ވިޔަފާރިތައް ހިމާޔަތްކުރުމަށްޓަކައި 2024 ވަނަ އަހަރު ވުޖޫދުކުރި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބައެއް ވިޔަފާރިތައް ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްފައިވާކަން މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އޭގެ އިތުރުން، ދުނިޔޭގެ މަޝްހޫރު އީކޮމާސް ޕްލެޓްފޯމް 'އަލީބާބާ' ގައި 'އޯތެންޓިކް މޯލްޑިވްސް' މެދުވެރިކޮށް ދިވެހި 400 އަށްވުރެ ގިނަ އުފެއްދުންތެރިންނަށް ފުރުސަތު ފަހިކޮށްދިނުމާއި، އިގްތިސޯދު ސިންދަފާތުކުރުމަށް އެސްއީޒެޑް ގާނޫނުގެ ދަށުން ފަށާފައިވާ ސަސްޓެއިނަބަލް ޓައުންޝިޕްގެ މަސައްކަތްތަކަކީ ވެސް ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ޓެކްނޮލޮޖީއާއި މާލީ ދާއިރާއިން ރާއްޖެއަށް ގެންނަމުންދާ އިންގިލާބީ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، އަލިޕޭ އަދި ރުޕޭ ކާޑު ތައާރަފުކުރުމާއި، ބީއެމްއެލް ސްވައިޕްގެ ހިދުމަތް ފެށިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކުރިމަގުގައި ޕޭޕާލްގެ ހިދުމަތް ރާއްޖެއަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ސައީދު އިތުރަށް ވިދާޅުވީ، ގޫގްލްގެ މައި ކޭބަލް 'ދިވަރު' ރާއްޖެއާ ގުޅާލުމަކީ ރައީސް މުއިއްޒުގެ 'މޯލްޑިވްސް 2.0′ ތަސައްވުރުގެ ދަށުން ގައުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މި ހުރިހާ މަސައްކަތަކީވެސް ދިވެހި މަސައްކަތްތެރިންގެ ކުރިއެރުމާ ސީދާ ގުޅިފައިވާ ކަންކަން ކަމަށެވެ.
ކޮމެންޓު ފޮނުވާ