އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޔޫރަޕްގެ 4 ގައުމަކަށް ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޔޫރަޕްގެ 4 ގައުމަކަށް ވަޑައިގަންނަވަނީ

Author
އަހުމަދު
01 މެއި 2026 11:19
0

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރިއަށް އޮތް މަހު ޔޫރަޕްގެ 4 ގައުމަކަށް ކުރައްވާ ދަތުރުފުޅުގައި، މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން ވިޔަފާރިއަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށާއި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރައްވާނެއެވެ.

އިންޑިއާގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު މޯދީ މެއި މަހުގެ 15 އިން 20 އަށް ޒިޔާރަތްކުރައްވާނީ ނެދަލޭންޑްސް، ސްވިޑަން، ނޯވޭ އަދި އިޓަލީއަށެވެ. އަދި މި ޔޫރަޕް ދަތުރުފުޅުގެ ކުރިން ނުވަތަ ފަހުން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި މަޑުކޮށްލެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް މި ދަތުރުފުޅާ ގުޅޭގޮތުން އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

ނޯވޭގައި މެއި 15 އަދި 16 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ އިންޑިއާ-ނޯޑިކް ސަމިޓުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ސަމިޓަކީ މިދިޔަ އަހަރުގެ މެއި މަހު ބާއްވަން އުޅުމަށްފަހު، ޕަހަލްގާމްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކެންސަލްކުރި ސަމިޓެކެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ އީޖާދުކުރުމާއި، އިގްތިސާދީ ކުރިއެރުމާއި، ތިމާވެއްޓާ ރައްޓެހި ހައްލުތަކުގެ އިތުރުން ދެފަރާތަށް ފައިދާހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށެވެ.

މީގެ އިތުރުން ނޯޑިކް 5 ގައުމު ކަމަށްވާ ޑެންމާކް، ފިންލޭންޑް، އައިސްލޭންޑް، ނޯވޭ އަދި ސްވިޑަންގެ ލީޑަރުންނާއެކު މޯދީ ވަކިވަކިން ބައްދަލުކުރައްވާނެ ކަމަށް ލަފާކުރެވެއެވެ.

މިއީ ޖެނުއަރީ މަހު އިންޑިއާއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން މޯދީ ޔޫރަޕަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޑެންމާކް، ފިންލޭންޑް އަދި ސްވިޑަން އަކީ އީޔޫގެ މެމްބަރުންނަށް ވީނަމަވެސް، ނޯވޭ އަދި އައިސްލޭންޑަކީ އެ ޖަމާއަތުގެ މެމްބަރުންނެއް ނޫނެވެ.

މަސްދަރުތަކުން ބުނާގޮތުގައި ޔޫރަޕްގެ ލީޑަރުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން ވިޔަފާރިއަށް އައިސްފައިވާ ހުރަސްތައް ކުޑަކުރުމަށެވެ.

ނެދަލޭންޑްސްއަށް ކުރައްވާ ދަތުރުފުޅުގައި ސެމިކޮންޑަކްޓަރ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ގްރީން ހައިޑްރޮޖެން، ވިޔަފާރި އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރާނެއެވެ. އަދި ސްވިޑަން ދަތުރުފުޅުގައި ދެމެހެއްޓެނިވި މުސްތަގުބަލަކަށް އީޖާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އަލިއަޅުވާލާނެއެވެ.

އިޓަލީއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި ދިފާއީ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މިހާރުވެސް އިޓަލީގެ ޑިފެންސް މިނިސްޓަރު ގީޑޯ ކްރޮސެޓޯ ގެންދަވަނީ ދެ ގައުމު ގުޅިގެން އަސްކަރީ އާލާތްތައް އުފެއްދުމުގެ އޮނިގަނޑެއް އެކުލަވާލުމަށް ނިއު ދިއްލީއަށް ޒިޔާރަތްކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.