ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ފްލޮޓިލާއަށް އިސްރާއީލުން ދިން ހަމަލާ ރާއްޖެ ހިމެނޭހެން 11 ޤައުމަކުން ކުށްވެރިކޮށްފި

ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ފްލޮޓިލާއަށް އިސްރާއީލުން ދިން ހަމަލާ ރާއްޖެ ހިމެނޭހެން 11 ޤައުމަކުން ކުށްވެރިކޮށްފި

Author
އަހުމަދު
01 މެއި 2026 11:07
0

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ" އަށް އިސްރާއީލުން ދިން ހަމަލާތައް، ދިވެހިރާއްޖެ ހިމެނޭހެން 11 ޤައުމެއްގެ ޚާރިޖީ ވަޒީރުން ގުޅިވަޑައިގެން ނެރުއްވި ޖޮއިންޓް ބަޔާނެއްގައި ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މި ބަޔާނުގައި ރާއްޖޭގެ އިތުރުން ބައިވެރިވެވަޑައިގަތީ ބަންގްލަދޭޝް، ބްރެޒިލް، ކޮލަމްބިއާ، އުރުދުން، ލީބިޔާ، މެލޭޝިއާ، ޕާކިސްތާން، ދެކުނު އެފްރިކާ، ސްޕެއިން އަދި ތުރުކީގެ ޚާރިޖީ ވަޒީރުންނެވެ. ވަޒީރުން ފާހަގަކުރެއްވި ގޮތުގައި މިއީ ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށް ކުރިއަށްގެންދިޔަ ސުލްހަވެރި އިންސާނީ މިޝަނެކެވެ.

ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުން ފްލޮޓިލާގެ ބޯޓުތަކަށް ހަމަލާދީ، އެހީތެރިން ޣައިރުޤާނޫނީ ގޮތުން ހައްޔަރުކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަމަށް ބަޔާނުގައި ވެއެވެ. އަދި ހައްޔަރުކޮށްފައިވާ އެކްޓިވިސްޓުންގެ ސަލާމަތާމެދު ފުން ކަންބޮޑުވުން ފާޅުކުރައްވައި، އެފަރާތްތައް ވަގުތުން މިނިވަންކުރުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން، އާންމުން ހިމާޔަތްކުރުމުގެ ޒިންމާ އަދާކުރުމަށާއި ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށްވެސް ވަޒީރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އިސްރާއީލުގެ ކަނޑުގެ ސިފައިން ފްލޮޓިލާގެ 22 ބޯޓު ހިފަހައްޓައި 175 ވަރަކަށް އެކްޓިވިސްޓުން ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ ގްރީސްގެ ކްރީޓު ޖަޒީރާ ކައިރިން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުންނެވެ. ހިސާރުކޮށްފައިވާ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 400 އެއްހާ މީހުންނާއެކު ޖުމްލަ 58 ބޯޓުގެ މައްޗަށް އެކުލެވޭ މި ފްލޮޓިލާ ދަތުރުފެށީ މިމަހުގެ 12 ވަނަ ދުވަހު ސްޕެއިންގެ ބާސެލޯނާއިންނެވެ. ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މިއީ މިދިޔަ އޮކްޓޫބަރު މަހު އިސްރާއީލުން މިފަދަ ފްލޮޓިލާއެއް ހިފެހެއްޓުމަށްފަހު، ޣައްޒާގެ ކަނޑުގެ ހިސާރު ނިމުމަކަށް ގެނައުމަށް ކުރިއަށްގެންދާ ދެވަނަ މިޝަނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.