ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވުމަށްފަހު މަނިކު ރިޓަޔަރކުރައްވައިފި

ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވުމަށްފަހު މަނިކު ރިޓަޔަރކުރައްވައިފި

Author
އަހުމަދު
30 އޭޕްރިލް 2026 11:01
0

ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވުމަށްފަހު މުޙައްމަދު ޙުސައިން މަނިކު ރިޓަޔަރކުރައްވައިފިއެވެ.

މަނިކު ރިޓަޔަރކުރެއްވިއިރު ހުންނެވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަޤާމުގައެވެ. ސީއެމްޑީއޭގެ އިތުރުން، ސަރުކާރުގެ މާލީ ދާއިރާގެ އެކި މަޤާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކުގައިވެސް އޭނާ ވަނީ މަސައްކަތްކުރައްވާފައެވެ.

މަނިކު ރިޓަޔަރކުރެއްވުމާ ގުޅިގެން ސީއެމްޑީއޭއިން ނެރުނު ޕޯސްޓެއްގައި، ސީއީއޯގެ ހައިސިއްޔަތުން އޭނާ ކޮށްދެއްވި ޚިދުމަތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މަނިކުގެ ލީޑަރޝިޕްގެ ދަށުން ކެޕިޓަލް މާކެޓް ތަރައްޤީކުރުމަށާއި، ދެފުށް ފެންނަ ހަރުދަނާ މާލީ ނިޒާމެއް ޤާއިމުކުރުމަށް މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަޤާމަށް މަނިކު އައްޔަންކުރެއްވީ 2021 ވަނަ އަހަރުއެވެ. އެ އޮތޯރިޓީގެ މެންޑޭޓް ފުޅާކުރުމަށާއި މާލީ ދާއިރާ ތަރައްޤީކުރުމުގައި އޭނާގެ އިސްދައުރެއް އޮތްކަމަށް ސީއެމްޑީއޭއިން ބުންޏެވެ.

މަނިކު ދައުލަތަށް ޚިދުމަތްކުރައްވަން ފެއްޓެވީ ފިނޭންސް މިނިސްޓްރީގައެވެ. އެގޮތުން އޭރު އެ މިނިސްޓްރީގައި އޮތް ވޯލްޑް ބޭންކް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި އައިއެމްއެފް ޔުނިޓުގައި އޭނާ މަސައްކަތްކުރެއްވިއެވެ. ލުބުނާނުގެ އަމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުން މަތީ ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، އަނެއްކާވެސް ފިނޭންސް މިނިސްޓްރީއާ ގުޅިވަޑައިގަތެވެ. އޭގެ ފަހުން ފޮރިން-ފަންޑެޑް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިވިޜަން (އެފްޕީއައިޑީ) ގެ ޑެޕިއުޓީ ޑިރެކްޓަރުކަން ކުރެއްވުމަށްފަހު، 1993 ވަނަ އަހަރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެއްވިއެވެ. 2008 ވަނަ އަހަރާ ހަމައަށް އެ މަޤާމުގައި ހުންނެވިއިރު، ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ބޯޑުތަކުގައިވެސް އޭނާ މަސައްކަތްކުރެއްވިއެވެ.

އޭގެ ފަހުން 2009 ވަނަ އަހަރު އަލަށް އުފެއްދި ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމާ ހަވާލުވެވަޑައިގަތެވެ. ރާއްޖޭގައި މިހާރު އޮތް ޒަމާނީ ޕެންޝަން ނިޒާމު ޤާއިމުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ މަނިކެވެ. އޭނާ ވަނީ 2019 ވަނަ އަހަރާ ހަމައަށް އެ މަޤާމު ފުރުއްވާފައެވެ.

މީގެ އިތުރުން މަނިކު ވަނީ ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަންވެސް ކުރިން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.