ފައިރިޝްގެ މައްސަލާގައި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ލިބުމުން ސައީދު ހަޅުތާލު ނިންމާލައިފި

ފައިރިޝްގެ މައްސަލާގައި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ލިބުމުން ސައީދު ހަޅުތާލު ނިންމާލައިފި

Author
އަހުމަދު
18 އޮކްޓޯބަރ 2026 02:05
0

 

ހެންވޭރުގައި ދިރިއުޅޭ މީހުންނަށް ތަކުރާރުކޮށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި ފިޔަވަޅު އަޅަން އެދި ގާތްގަނޑަކަށް 35 ގަޑިއިރު ވަންދެން ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު، ބީއެމްއެލްގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ މުޙައްމަދު ސައީދު މިއަދު ނިންމާލައިފިއެވެ.

ސައީދު ހަޅުތާލަށް ނިކުމެވީ ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގެ ރައްޔިތުންނަށް އަޙްމަދު ފައިރިޝް ނަމަކަށް ކިޔާ މީހެއްގެ ފަރާތުން ދިމާވަމުންދާ ދަތިތަކާ ގުޅިގެންނެވެ. ކުޑަކުދިންގެ ކުރިމަތީގައިވެސް ހަޑިހުތުރު ބަހުން މުޢާމަލާތްކުރުމާއި، މީހުންނަށް ޖިސްމާނީ ގޮތުން ގޯނާކުރުން އޭގެތެރޭގައި ހިމެނޭ ކަމަށް ސައީދު ވިދާޅުވެއެވެ.

ހަޅުތާލު ފެށީ ހެންވޭރު ޕޮލިސް ސްޓޭޝަނުގެ އެތެރޭގައެވެ. 14 ގަޑިއިރަށްފަހު އެތަނުން ނިކުންނަން ޖެހުމުން، ހަޅުތާލު ކުރިއަށް ގެންދެވީ ފުލުހުންގެ އިދާރާ ކައިރި މަޖީދީމަގުގައެވެ.

ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ބޮޑު ޔަގީންކަމެއް ލިބުމުން ހަޅުތާލު ނިންމާލެއްވި ކަމަށް ސައީދު ވިދާޅުވިއެވެ. މިނިސްޓަރުގެ އެންގެވުމަށް، ފުލުހުން ބަންދުކޮށްފައިވާ ގިނަ މައްސަލަތަކެއް އަލުން ހުޅުވައި ބަލާނެއެވެ. އަދި ކުރިން ހުށަހަޅާފައި ހުރި ނަމަވެސް ރަސްމީކޮށް ލޮގް ނުކުރެވި ހުރި މައްސަލަތައް މިއަދު ލޮގްކުރުމަށްފަހު، އާއިލާއާ މަޝްވަރާކޮށް ހަޅުތާލު ނިންމަން ނިންމެވި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިނިސްޓަރ އިޙްސާން ވަރަށް ބޮޑު އެޝުއަރެންސެއް ދެއްވި. ޕީޖީވެސް ރޭ ވަރަށް ދަންވަރުއާއި މިއަދުވެސް ގުޅުއްވައި މިކަން ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން އަޅުގަނޑާއި އާއިލާއަށް ދެއްވި،" ސައީދު ވިދާޅުވިއެވެ.

މި މައްސަލައިގައި އަޑުއުފުލި މީޑިއާތަކާއި ސޯޝަލް މީޑިއާގެ ފަރާތްތަކަށް ސައީދު ޝުކުރު އަދާކުރެއްވިއެވެ. ރޭގަނޑުން ފެށިގެން ހެނދުނާ ހަމައަށް އޭނާއާއެކު ހުންނެވި ސަރަހައްދުގެ މަޖިލިސް މެންބަރު އިސްމާޢީލް ނިޒާރަށާއި، އާއިލާއާއި އަވަށްޓެރިންނަށްވެސް އޭނާ ޚާއްޞަކޮށް ޝުކުރު އަދާކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.