ގޯއްޗާއި ފްލެޓް ދޫކޮށްލުމަށްފަހު އަލުން ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަނީ

ގޯއްޗާއި ފްލެޓް ދޫކޮށްލުމަށްފަހު އަލުން ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަނީ

Author
އަހުމަދު
30 އޭޕްރިލް 2026 12:32
0

ކުރީގެ ސަރުކާރުގެ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބިފައިވާ ފަރާތްތަކަށް، އެތަންތަން ދޫކޮށްލުމަށްފަހު އަލުން އެދުމުގެ ފުރުސަތު އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ހުޅުވާލަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން އާންމުކޮށްފައިވާ އާ އުސޫލުގެ ދަށުން، މިކަން ކުރިއަށް ގެންދާނީ ސަރުކާރުގެ ރަސްމީ "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށެވެ. މެއި މަހުގެ ނިޔަލަށް މި ފުރުސަތު އޮންނައިރު، މިއީ ގިނަ ބަޔަކު ގުޅިގެން (ޖޮއިންޓްކޮށް) ފޯމު ހުށަހަޅައިގެން ތަންތަން ލިބުނު ފަރާތްތަކަށް ދިމާވާ އާއިލީ އަދި އިޖުތިމާއީ މައްސަލަތަކާއި، ދެމަފިރިން ވަރިވުން ފަދަ ކަންކަމާ ގުޅިގެން ގެނައި މުހިންމު ބަދަލެކެވެ. ގުޅިގެން ހުށަހަޅާފައިވާ ފޯމަކުން މީހަކު އުނިވާން ނުވަތަ އެއްކޮށް ދޫކޮށްލަން ބޭނުންވާނަމަ، އެ ފޯމެއްގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ރުހުން ލިޔުމުން ހުށަހަޅައި، އައިޑީކާޑު ކޮޕީއާއެކު ޕޯޓަލްއަށް އަޕްލޯޑުކުރަން ޖެހޭނެއެވެ. އަދި މިގޮތަށް އުނިވާ ފަރާތްތަކަށް މުސްތަގުބަލުގައި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ބިންވެރިޔާ ހާއްސަ ސްކީމްގެ ދަށުން އަލަށް ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯއްޗެވެ. އަދި ފްލެޓްތައް ދޫކުރާނީ މާލެ ސަރަހައްދުން، އެފޯޑަބަލް ހޯމް އޯނަޝިޕް އަދި ރެންޓް ޓު އޯން މޮޑެލްގެ ދަށުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. ފޯމު ހުށަހެޅުމުގެ ކުރިން ގެޒެޓުގައި ޝާއިއުކޮށްފައިވާ އުސޫލުތައް ރަނގަޅަށް ދިރާސާކޮށް ލިޔެކިޔުންތައް ފުރިހަމަކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހައުސިން މިނިސްޓްރީގެ ހޮޓްލައިން އަދި ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.