ރާއްޖޭގައި މި ދުވަސްވަރު އިންފުލުއެންޒާއާއި ޑެންގީ ހުމުގެ އިތުރުން އަރިދަފުސް ރޯގާ ހަލުވިކަމާއެކު ފެތުރެމުންދާތީ، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާލެއާއި އަތޮޅުތެރޭގައި މި ބަލިތައް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖެނުއަރީން ފެށިގެން މިހާތަނަށް 2،183 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކުރި 374 ކޭސްއާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ އަތޮޅުތެރެއިންނެވެ. އެގޮތުން އަތޮޅުތެރެއިން 1،813 މީހަކަށް އަދި މާލެއިން 370 މީހަކަށް ޑެންގީ ޖެހިފައިވެއެވެ.
މީގެ އިތުރުން މާޗު މަހުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 21،687 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ފަރުވާދީފައިވާއިރު، މި ބަލިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަތޮޅުތެރެއިންނެވެ. މި ދުވަސްވަރު ބަލިތައް ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށާއި، ރޯގާ ޖެހި ނުވަތަ ހުން އައިސް ތިން ދުވަހަށްވުރެ ގިނަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް ނަސޭހަތްތެރިވެފައެވެ.
ކޮމެންޓު ފޮނުވާ