މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް އަމާޒުކޮށް ދިން ހަމަލާއެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި މައްސަލައަކީ 24 އޭޕްރީލް 2026 ވީ ބުދަ ދުވަހުގެ ރޭ މާލޭގައި އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން ހިނގި ކަމެކެވެ. ހެންވޭރު ސަހަރާ ކައިރިން އެއްވުމުގެ ބައިވެރިން ހިނގާފައި ދަނިކޮށް، ޒުވާނަކު ވަނީ ކުއްލިއަކަށް އާޒިމްގެ ކުރިމައްޗަށް އަރައި އޭނާގެ މޭގައި ޖަހައި ކޮއްޕާލާފައެވެ. ޓީވީން ވަގުތުން ދުރަށް ދައްކަމުންދިޔަ މި ހާދިސާގައި، އެއްވުމުގެ ބައިވެރިން ވަނީ ވަގުތުން އާޒިމްގެ ދިފާޢުގައި ނުކުމެ އެމީހާ ދުރަށް ޖައްސާފައެވެ.
މި ހާދިސާއާ ގުޅިގެން އާޒިމް ވަނީ މިއީ ސަރުކާރުން ރާވައިގެން ކުރި ކަމެއްކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ އެކަން ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި، މޭޔަރުގެ އެ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މައްސަލަ އެމްޑީޕީން ނުވަތަ ސިޓީ ކައުންސިލުން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާފައެއް ނުވެއެވެ. ފުލުހުން މައްސަލަ ބަލަން ފެށީ މީސްމީޑިއާގައި އާންމުވި ވީޑިއޯތަކާ ގުޅިގެން އަމިއްލަ އިސްނެގުމަށެވެ. މީގެ އިތުރުން، ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އޮންނަ ނުރައްކާ ދެނެގަތުމަށް ފުލުހުން އަބަދުވެސް ތްރެޓް އެސެސްމަންޓް ހަދަމުންދާނެ ކަމަށާއި، ނުރައްކަލެއް އޮތްކަން ފާހަގަކުރެވިއްޖެނަމަ މޭޔަރަށް ސެކިއުރިޓީ ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަންވެސް ސަރުކާރުން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ