އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވެވަޑައިގެންފިނަމަ، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސްއޫލިއްޔަތު އަދާކުރައްވާނެ ކަމުގެ ޔަގީންކަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ދެއްވައިފި އެވެ.
މީކާއީލް މިކަން ހާމަކުރެއްވީ ޗެއާޕާސަން ކަމުގެ ކެމްޕޭނަށް އޭނާ ފައްޓަވާފައިވާ "އިތުބާރު" ހަރަކާތުގެ ދަށުން ކުރިއަށްގެންދިޔަ "އިތުބާރު ސައްލާ" ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކި ބޭފުޅަކު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރުމުގެ ބަދަލުގައި، މުޅި ޕާޓީ އެކަތިގަނޑަކަށް ހަދައި އެމްޑީޕީއަށް ކާމިޔާބު ހޯދައިދިނުން ކަމަށެވެ. މީކާއީލް ފާހަގަކުރެއްވި ގޮތުގައި އޭނާ ގެންގުޅުއްވާ ހަމަހަމަ ސިޔާސަތުގެ ސަބަބުން، ޕާޓީގެ އެކި ލީޑަރުން ކަމަށްވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، މުހައްމަދު ނަޝީދާއި، އަބްދުﷲ ޝާހިދުގެ އިތުރުން ފައިސަލް ނަސީމަށް ތާއީދުކުރާ މެމްބަރުންގެ ތާއީދުވެސް އޭނާއަށް ދަނީ ލިބެމުންނެވެ.
ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާއި ޕްރައިމަރީތައް އިންސާފުވެރިކަމާއެކު ބޭއްވުމަށްޓަކައި، ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރާ މިނިވަން ޗެއާޕާސަނެއް ހުރުން މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެން ނޫންނަމަ، އާންމު މެމްބަރުންގެ އިތުބާރު ގެއްލި، ޕާޓީގެ ތެރޭގައި މައްސަލަތައް އުފެދުމުގެ ޖާގަ ބޮޑުވާނެކަމަށް ވިދާޅުވި އެވެ. އެމްޑީޕީއަކީ ވަކި ފަރުދެއް ނުވަތަ ރިޔާސީ ކެންޑިޑޭޓުންތަކެއް ނޫން ކަމަށާއި، އެއީ ޕާޓީގެ 50،000 އާންމު މެމްބަރުންކަން މީކާއީލް ތަކުރާރުކުރެއްވި އެވެ.
މީގެ އިތުރުން، އާންމު މެންބަރުންގެ އަޑުއަހައިގެން ޕާޓީ ހިންގުން ހަރުދަނާކުރުމާއި މެންބަރުންގެ އަދަދު އިތުރުކުރުމަކީ ކެމްޕޭނުގެ މުހިންމު އަމާޒެއްކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ވޯޓުލާ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނަށް ވާއިރު، އެމްޑީޕީގެ އިސް ސަފުން ޒުވާނުން ފެނިގެން މެނުވީ ޒުވާނުންގެ އިތުބާރު ޕާޓީއަށް ނުހޯދޭނެކަން ވެސް މީކާއީލް ވަނީ ފާހަގަކުރައްވާފަ އެވެ.
ކޮމެންޓު ފޮނުވާ