ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ހިލޭ ހެލްޕްލައިން 1677 އަށް ގުޅުމަށް އެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
އެ ޑިޕާޓްމަންޓުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިއީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބޭނުންކުރެވޭނެހެން 24 ގަޑިއިރު މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންގެންދާ ހިލޭ ޚިދުމަތެކެވެ. ނަފްސާނީ ގޮތުން ދިމާވާ އެކިއެކި އުނދަގޫތަކުގައްޔާއި، ނަފްސާނީ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި މި ޚާއްޞަ ހެލްޕްލައިން އިފްތިތާޙުކޮށްފައިވަނީ 21 ފެބްރުއަރީ 2024 ގައެވެ.
ނަފްސާނީ ދުޅަހެޔޮކަމަކީ މިހާރު މުޖުތަމަޢުގައި ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ މުހިންމު ކަމަކަށްވާއިރު، މި ދާއިރާއިން ފޯރުކޮށްދޭ ވަގުތީ އަދި ދާއިމީ ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ކަމާބެހޭ މުއައްސަސާތަކާއި ފަންނީ މާހިރުން ގުޅިގެން ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެއްވެސް ފަރާތަކުން ނަފްސާނީ އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި ފަސްނުޖެހި މި ހެލްޕްލައިންގެ ބޭނުން ހިފުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ