އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ލުބްނާނާއި ޔަހޫދީންނާ ދެމެދު ވެފައިވާ ސުލްޙައިގެ އެއްބަސްވުމުގެ މުއްދަތު އިތުރު 3 ހަފުތާއަށް އިތުރުކުރެއްވި ނަމަވެސް، ޔަހޫދީންގެ ޙަމަލާތައް ހުއްޓައިނުލާތީ އެއީ އެއްވެސް މާނައެއް އޮތް ނިންމުމެއް ނޫންކަމަށް ލުބްނާންގެ ޙިޒްބުالله ޖަމާޢަތުން ބުނެފިއެވެ.
މި މަހުގެ 26 އަށް ހަމަވާން އޮތް މި އެއްބަސްވުމުގެ މުއްދަތު 23 ވަނަ ދުވަހު އިތުރުކޮށްފައިވީ ނަމަވެސް، ލުބްނާނުގެ ދެކުނުގައިވާ 5 އާއި 10 ކިލޯމީޓަރުގެ "ބަފަރ ޒޯނު" ގައި ޔަހޫދީ ސިފައިން ދަނީ އެއްބަސްވުމާ ޚިލާފަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. މިގޮތުން ދާދިފަހުން ދިން ޙަމަލާތަކެއްގައި ލުބްނާނުގެ ދެ މީހަކު ޝަހީދުކޮށްލާފައިވާއިރު، ރައްދުގައި ޙިޒްބުالله އިން ވަނީ ޔަހޫދީންގެ އަސްކަރީ ޑްރޯނެއް ޙަމަލާދީ ވައްޓާލާފައެވެ. ލުބްނާންގެ ޤާނޫނުހަދާ މަޖިލީހުގައި ޙިޒްބުالله ތަމްސީލުކުރައްވާ މެންބަރު ޢަލީ ފައްޔާޟް ވިދާޅުވީ، ސުލްޙައިގެ ނަމުގައި ޔަހޫދީން ދަނީ ލުބްނާނުގެ އަވަށްތައް ސުންނާފަތިކޮށް ޢާންމުން ޝަހީދުކުރަމުން ކަމަށެވެ. މާރިޗު 2 އިން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި މިހާތަނަށް ލުބްނާނުގެ 2,500 އެއްހާ މީހުން ޝަހީދުވެފައިވާއިރު، ޙިޒްބުاللهގެ ޙަމަލާތަކުގައި ޔަހޫދީންގެ 15 ސިފައިންނާއި 2 ޢާންމުން ވަނީ މަރުވެފައެވެ. އަދި ލުބްނާންގެ ދެކުނުން އިތުރު އަވަށެއް ހިފުމަށް ޔަހޫދީން ވަނީ ނިންމާފައެވެ.
ޔަހޫދީންގެ ޢުދުވާންތައް މެދުކެނޑުމެއްނެތި ކުރިއަށްދާތީ، ސުލްޙަ ޤާއިމުވެފައިވާ ކަމަށް ޤަބޫލުނުކުރާ ކަމަށް ލުބްނާނުގެ ރައްޔިތުން ބުނެއެވެ. އަދި ސުލްޙަ އޮތްކަމަށް ޓްރަމްޕް ވިދާޅުވުމަކީ މަލާމާތެއްގެ ގޮތުގައި ބައިރޫތުގެ ރައްޔިތުން ސިފަކުރެއެވެ. ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް ފުރިހަމައަށް އިޙުތިރާމްކޮށް، ލުބްނާނުގެ ބިންތަކުން ޔަހޫދީން ފައިބައި ސިޔާދަތީ މިނިވަންކަން ކަށަވަރުކުރުމަށް ލުބްނާނުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނަދާ މުޢައްވަޟު ވަނީ ގޮވާލައްވާފައެވެ. މި ނުތަނަވަސްކަމުގެ ތެރެއިން، ޓްރަމްޕް ވަނީ ޔަހޫދީ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއި ލުބްނާނުގެ ރައީސް ޔޫސުފް ޢަވްންއާ ވަރަށް އަވަހަށް ބައްދަލުކުރައްވައި، މިއަހަރު ނިމުމުގެ ކުރިން ދާއިމީ ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އުންމީދުކުރައްވާ ކަމަށް އިޢުލާނުކުރައްވާފައެވެ. ނަމަވެސް، ބައިރޫތުގެ މަތިން އަދިވެސް ޔަހޫދީންގެ ޑްރޯންތައް އުދުހެމުންދާއިރު، ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވެމުންދާ ޙަމަލާތަކުގެ ސަބަބުން ދާއިމީ ސުލްޙައަކަށް ވާސިލުވުމަކީ ނުހަނު އުނދަގޫ އަދި ދުރު ކަމެއްކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ކޮމެންޓު ފޮނުވާ