ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި މާޗު މަހު ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރި މިންވަރު އޭގެ ކުރީ މަހާ އަޅާބަލާއިރު 35 އިންސައްތަ ވަނީ އިތުރުވެފައެވެ.
މި އަހަރުގެ ފެބްރުއަރީ މަހު 51 މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފައިވާއިރު، މާޗު މަހު މި އަދަދު ވަނީ 69 މިލިއަން ރުފިޔާއަށް އަރާފައެވެ. ރާއްޖެއިން މައިގަނޑު ގޮތެއްގައި އެންމެ ގިނައިން ބޭރުކުރަނީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލިއެވެ.
މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ދަޅުގައި ބަންދުކުރި ކަޅުބިލަމަސް އެކްސްޕޯޓުކުރި މިންވަރަށެވެ. އެގޮތުން ފެބްރުއަރީ މަހު 29 މިލިއަން ރުފިޔާގެ ދަޅުމަސް ބޭރުކޮށްފައިވާއިރު، މާޗު މަހު އެ އަދަދު ވަނީ 51 މިލިއަން ރުފިޔާއަށް އިތުރުވެ، 75 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މީގެ އިތުރުން މާޗު މަހު ގަނޑުކުރި ކަޅުބިލަމަހުގެ ގޮތުގައި 8 މިލިއަން ރުފިޔާގެ މަސް، އަދި ތާޒާ ކަންނެލީގެ ގޮތުގައި 6 މިލިއަން ރުފިޔާގެ މަސް ވަނީ ރާއްޖެއިން އެކްސްޕޯޓުކޮށްފައެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސް ޕްރޮސެސްކުރާ މިންވަރާއި މަސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސް ޕްލާންޓުތައް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ