ސަރުކާރުން ތައާރަފުކުރި "ޓެކްސީ ނަފާ" ސްކީމްގެ ދަށުން ލޯނު ނަގައިގެން ގެނައި ކާރުތައް ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާތީ، އެކަމަށް އަވަސް ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފިއެވެ.
ޓެކްސީ ޑްރައިވަރުން ވަނީ ކާރުތައް ރަޖިސްޓަރީ ނުކުރެވި ދިގުލައިގެން ދާތީއާއި، އާމްދަނީއެއް ނުލިބި ލޯނު އަނބުރާ ދައްކަން ބޭންކުން ބާރުއަޅަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ސިޓީއެއް އާންމުކޮށްފައެވެ. އެ ފަރާތްތަކުން ބުނެފައިވަނީ ސަރުކާރުގެ އިދާރީ ކަންކަން ނުނިމި ލަސްވުމުގެ ސަބަބުން ޓެކްސީ ކުރުމުގެ ހުއްދަ ނުލިބޭ ކަމަށެވެ. އަދި ހުއްދަ ނެތި ދުއްވައިފިނަމަ ގާނޫނީ ފިޔަވަޅު އެޅުމުގެ ބިރު އޮތްއިރު، ވިޔަފާރި ފަށައި ނަފާ ހޯދޭނެ ގޮތެއް ނެތި ލޯނު ދައްކަން ޖެހުމަކީ މާލީ ގޮތުންނާއި ނަފްސާނީ ގޮތުން އުފުލަންޖެހިފައިވާ ވަރަށް ބޮޑު ތަކުލީފެއް ކަމަށް ޑްރައިވަރުން ވަނީ ފާހަގަކޮށްފައެވެ.
މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިހާރު މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި ޓްރާންސްޕޯޓުގެ ކަންކަން ބަލަހައްޓަވާ ބޭފުޅުންނަށް އެކަން އަންގަވާފައިވާނެ ކަމަށާއި، ޑްރައިވަރުންގެ ކަންބޮޑުވުންތައް އިންސާފުވެރިކަމާއެކު ބަލައި، އެންމެ އަވަސް މަގަކުން ހައްލު ހޯދައިދެއްވުމަކީ އެންމެ އިސް އެއް ވާޖިބުކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ އަޑުއަހައި، ގާނޫނާއި ގަވާއިދުގެ ތެރެއިން ރައްޔިތުންނަށް ފަސޭހަގޮތްތައް ހޯދައިދީ އަވަސް ހައްލުތައް ގެނެސްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަން ވެސް މިނިސްޓަރު ސައީދު ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ