އެމްޑީޕީގެ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީފި

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް ހަމަލާދީފި

Author
ޙަސަން މުޙައްމަދު
24 އޭޕްރިލް 2026 11:54
0

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން، ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއަށް ބަޔަކު ވަދެ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދީފިއެވެ.

ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން މުޒާހަރާގެ ބައިވެރިން ކުރިއަށް ދަނިކޮށް، ކުއްލިއަކަށް ދެ މީހަކު ވަނީ މީހުންގަނޑުގެ ތެރެއަށް ވަދެގަނެފައެވެ. އޭގެ ތެރެއިން އެކަކު މޭޔަރު ކޮށްޕާލައި މަގުމައްޗަށް ވައްޓާލަން މަސައްކަތްކުރި ނަމަވެސް، އިތުރު ހަމަލާއެއް ދިނުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ އެ ދެމީހުން ހިފަހައްޓާފައެވެ. އޭގެ އިރުކޮޅެއް ފަހުން ފުލުހުން ވެސް ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މިކަމާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ، ސަރުކާރުގެ މިފަދަ ފިނޑީ އަމަލުތަކާ ހުރެ ބިރުން ފަހަތަށް ނުޖެހޭނެ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.

ގައުމު ހަމަމަގަށް އެޅުވުމަށް ގޮވާލައި 12 ޑިމާންޑަކާއެކު އެމްޑީޕީން ކުރަމުންދާ މި މުޒާހަރާތަކުގައި ބައިވެރިން އަންނަނީ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަޑުހަރުކޮށް ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އަދި މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ރިފަރެންޑަމް ވޯޓުން ސަރުކާރަށް ލިބުނު 30 އިންސައްތަ ވޯޓާއެކު، ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލިފައިވާކަމަށްވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.