ޝެވަލް ބްލާންކް ރަންދެލީގައި ރާއްޖޭގެ އެންމެ ބޮޑު ފްލޯޓިން ސޯލާ ސިސްޓަމް ގާއިމުކޮށްފި

ޝެވަލް ބްލާންކް ރަންދެލީގައި ރާއްޖޭގެ އެންމެ ބޮޑު ފްލޯޓިން ސޯލާ ސިސްޓަމް ގާއިމުކޮށްފި

Author
ޙަސަން މުޙައްމަދު
24 އޭޕްރިލް 2026 10:29
0

ޝެވަލް ބްލާންކް ރަންދެލި ރިސޯޓުގައި 2.4 މެގަވޮޓްގެ ފްލޯޓިން ސޯލާ ސިސްޓަމެއް ގާއިމުކޮށްފިއެވެ. މިއީ އޮސްޓްރިއާގެ ކުންފުންޏެއް ކަމަށްވާ ސްވިމްސޯލް އިން ގާއިމުކުރި ނިޒާމަކަށްވާއިރު، މިއީ މިހާތަނަށް ރާއްޖޭގައި ގާއިމުކުރި މިފަދަ އެންމެ ބޮޑު ސޯލާ ސިސްޓަމެވެ.

ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވާނެ ގޮތަށް 15 އަހަރުގެ ދިރާސާއަށްފަހު ފަރުމާކޮށްފައިވާ މި ނިޒާމު ހަދާފައިވަނީ ހާއްސަ އެލުމިނިއަމް އެލޯއި އާއި ސްޓެއިންލެސް ސްޓީލް ބޭނުންކޮށްގެންނެވެ. އަދި ރާޅުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކައި ޕެނަލްތައް ހަރުކޮށްފައިވަނީ މޫދުގެ ލޮނުގަނޑަށްވުރެ 1.5 މީޓަރު އުސްމިނުގައެވެ.

މި ސިސްޓަމަކީ ޕްރޮގްރާމަބަލް ލޮޖިކް ކޮންޓްރޯލާއެއްގެ އެހީގައި އޮޕަރޭޓްކުރާ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ނިޒާމެކެވެ. ސްވިމްސޯލް އިން މައުލޫމާތު ދޭގޮތުގައި، އިރުގެ އަލިން ބޭނުންވާ ވަރަށް ކަރަންޓު އުފައްދައިދޭ ވަގުތުތަކުގައި ޑީސަލް ޖަނަރޭޓަރުތައް އަމިއްލައަށް ނިވި، ބޭނުންވާ މިންވަރަށްވުރެ އިތުރަށް އުފައްދާ ހަކަތަ ބެޓެރީގައި ރައްކާކުރެވޭނެއެވެ.

ރާއްޖޭގެ ރިސޯޓެއްގައި މިފަދަ ބޮޑު ސޯލާ ސިސްޓަމެއް ގާއިމުކޮށްފައިވާއިރު، އައްޑޫ ސިޓީގެ މޫދުގައި 10 މެގަވޮޓުގެ ފްލޯޓިން ސޯލާ ނިޒާމެއް ގާއިމުކުރުމަށް އިންވެސްޓަރުން ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން 2024 ވަނަ އަހަރު ވަނީ އިއުލާނުކޮށްފައެވެ. އެ މަޝްރޫއަކީ އިންވެސްޓަރުން އަމިއްލައަށް ހަރަދުކޮށްގެން ނިޒާމު ގާއިމުކޮށް، އޮޕަރޭޓްކޮށްގެން ހަކަތަ ފޯރުކޮށްދޭ އުސޫލުން ހުޅުވާލި މަޝްރޫއެކެވެ.

އައްޑޫގައި ގާއިމުކުރާ ފްލޯޓިން ސޯލާ ސިސްޓަމްގެ އަމަލީ މަސައްކަތް، ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބެލުމަށާއި ފަންނީ ސާވޭތަކަށްފަހު 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފެށޭނެ ކަމަށް އޭރު އަންދާޒާކުރި ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެންވާރަމެންޓް މިނިސްޓްރީން ފަހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.