ފުލުހުން ހިންގި "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ގއ. ވިލިނގިލިން އަތުލައިގަތް ޑްރަގް ނެޓްވޯކެއްގެ އިސް މީހުންކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން، އެމީހުން ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންނަށް އަންގައިފިއެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި ހަތަރު މީހުންނަކީ ގއ. ވިލިނގިލީ ޝެވޯނާ ޝައްފާހު ލަތީފް (28އ) އާއި، މިޔުޒިކީއާގެ އަހުމަދު މަދީހު (33އ) އާއި، އައިޒަން އަހުމަދު އަނާމް އިބްރާހިމް (30އ) ގެ އިތުރުން އަރާއިރުގެ ނޫރުއްނިޒާމް (35އ) އެވެ. މި މީހުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމާއި، މަނީލޯންޑަރިންގެ ދައުވާ ކުރުމަށް އެދި ފުލުހުން ޕީޖީއަށް މައްސަލަ ފޮނުވީ މިމަހުގެ 9 ވަނަ ދުވަހުއެވެ.
ނަމަވެސް ޕީޖީ އޮފީހުން ބުނެފައިވަނީ، މައްސަލައިގައި ދައުވާކުރުމުގެ މުއްދަތު ހަމަވިއިރުވެސް ޖިނާއީ ބޮޑު ކުށެއް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މި މީހުން ދޫކޮށްލުމަށް ވަނީ އަންގާފައެވެ. ބޮޑެތި ދައުވާތައް ނުކުރެވުނު ނަމަވެސް، މަދީހު، އަނާމް އަދި ޝައްފާހުގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ދައުވާކޮށް ޑްރަގް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އަދި ނޫރުއްނިޒާމްގެ މައްޗަށް އެއްވެސް ކުށެއް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން އޭނާގެ ބައި ވަނީ އަނބުރާ ފޮނުވާލާފައެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި މިއީ 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީ ލޯންޑަރިންގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުންދިޔަ ނެޓްވޯކެކެވެ. އަދި މި މީހުންގެ އެކައުންޓުތަކުން 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުވެފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. އެގޮތުން މަދީހުގެ އެކައުންޓުން 17.1 މިލިއަން، އަނާމްގެ އެކައުންޓުން 38.8 މިލިއަން އަދި ޝައްފާހުގެ އެކައުންޓުން 6.9 މިލިއަން ރުފިޔާ ދައުރުވެފައިވާއިރު، މިއީ އެމީހުންނަށް މުސާރައިގެ ގޮތުގައި ލިބިފައިވާ މަދު އާމްދަނީއާ ނުބައްދަލު ބޮޑެތި އަދަދުތަކެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.
ކޮމެންޓު ފޮނުވާ