ރާއްޖޭގެ ކަނޑުން ވަގަށް މަސްވެރިކަން ކުރި ލަންކާގެ ބޯޓެއް ދައުލަތަށް ނަގައި، 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖޭގެ ކަނޑުން ވަގަށް މަސްވެރިކަން ކުރި ލަންކާގެ ބޯޓެއް ދައުލަތަށް ނަގައި، 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

Author
ޙަސަން މުޙައްމަދު
23 އޭޕްރިލް 2026 12:21
0

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ މަސްވެރިކަން ކުރި ސްރީލަންކާގެ މަސްބޯޓެއް ދައުލަތަށް ނަގައި، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމުގައި ދައުލަތަށް ނެގުމަށް އަމުރުކޮށްފައިވަނީ "ގުޑްރުން ޑެޓްލެފް" ނަމަކަށް ކިޔާ ލަންކާގެ މަސްބޯޓެކެވެ. މި ބޯޓު ދައުލަތަށް ނެގުމުގެ އިތުރުން، 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެ މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ އަހްމަދު އަބްދުލްމަތީނު ވަނީ ހުކުމް ކުރައްވާފައެވެ.

މި ބޯޓަކީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އަތުލައިގަތް ބޯޓެކެވެ. ދައުލަތުން މި ބޯޓާ ދެކޮޅަށް އުފުލި ދައުވާއަށް ބޯޓުގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައިނުވާއިރު، ޝަރީއަތުގެ މަޖިލީހަށްވެސް ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން ކޯޓުން މި ހުކުމް އިއްވާފައިވަނީ ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަދެ، ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމަކީ އަވައްޓެރި ގައުމުތަކުގެ މަސްބޯޓުތަކުން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. މީގެ ކުރިންވެސް އެކި ފަހަރު މަތިން ސްރީލަންކާގެ ގިނަ އަދަދެއްގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސް، ގާނޫނީ ފިޔަވަޅު އަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.