ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައިވާ މަޝްރޫއުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެޗްޑީސީން މައުލޫމާތު ދޭގޮތުގައި މި ބޮޑު މަޝްރޫއުގެ ދަށުން މުޅިން އަލަށް 58 ރަށެއްގައި ޖިމް ތަރައްޤީކުރާނެއެވެ. އަދި އިތުރު 13 ރަށެއްގައި މިހާރު ހުރި ޖިމްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ ތެރެއިން 13 ރަށެއްގައި މިހާރު ވަނީ ކަސްރަތުކުރާ ސާމާނު (އިކުއިޕްމަންޓް) ހަރުކުރުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެ ރަށްތަކަކީ ހއ. ހޯރަފުށި، ށ. މާއުނގޫދޫ، ށ. ބިލެތްފަހި، ށ. ގޮއިދޫ، ރ. ދުވާފަރު، ބ. މާޅޮސް، ބ. ހިތާދޫ، އދ. ދިގުރަށް، އދ. މާމިގިލި، ފ. މަގޫދޫ، ދ. ކުޑަހުވަދޫ، ތ. ވަންދޫ އަދި ގއ. ވިލިނގިލިއެވެ.
މި ރަށްތަކުގެ އިތުރުންވެސް، އދ. ހަންޏާމީދޫ، ބ. ދަރަވަންދޫ، ހދ. ހަނިމާދޫ، ހދ. ނައިވާދޫ، އދ. ކުނބުރުދޫ، އއ. ފެރިދޫ، ހދ. ނެއްލައިދޫ އަދި ރ. ރަސްމާދޫ ހިމެނޭހެން 8 ރަށެއްގެ މަސައްކަތްވެސް މިވަގުތު ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ލިސްޓުގައި ބާކީ ހުރި ރަށްތަކުގެ ކުރެހުންތައް މިހާރު ފާސްކުރެވި، އަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ މަރުހަލާގައިވާކަންވެސް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.
އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ސަރުކާރުން އަމާޒުހިފާފައިވާއިރު، އެޗްޑީސީއާ ހަވާލުކުރެވުނު 71 މަޝްރޫޢުގެ އިތުރުން ސަރުކާރުގެ އެހެނިހެން ކުންފުނިތަކާ ހަވާލުކޮށްގެން ޖުމްލަ 102 އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ހަމައެހެންމެ، އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެންވެސް 7 އައުޓްޑޯ ޖިމެއް ޤާއިމްކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ