ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއަށް މިދިޔަ މަހު ހުށަހެޅި އަނިޔާގެ 230 މައްސަލައިގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 92 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ކުދިންނަށް އިހުމާލުވުމުގެ 24 މައްސަލައެކެވެ. ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަނިޔާވެރި އަމަލުތައް ހިންގާތަން ކުދިންނަށް ފެނުމުގެ 19 މައްސަލައާއި، ޖިސްމާނީ އަނިޔާގެ 18 މައްސަލައިގެ އިތުރުން ޖިންސީ ގޯނާގެ 13 މައްސަލައެވެ. މީގެ އިތުރުން ނަފްސާނީ ހާނިއްކައާއި، އިންޓަރނެޓް މެދުވެރިކޮށް އަދި އެނޫންވެސް ގޮތްގޮތުން ކުދިން ގްރޫމް ކުރުމާއި، ގަނާކުރުން ފަދަ މައްސަލަތައްވެސް ވަނީ ހުށަހަޅާފައެވެ.
ކުޑަކުދިންގެ މައްސަލަތަކުގެ އިތުރުން، ޢާއިލީ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައްވެސް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ޢާއިލީ އެކި މައްސަލަތަކާ ގުޅޭ 33 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުދިންނާ ބައްދަލުކުރުމާއި ކުދިން ބެލުމުގައި ދިމާވާ މައްސަލަތަކެވެ. ހަމައެއާއެކު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 50 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ މައްސަލަތަކެވެ. އަދި އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 16 މައްސަލައެއްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ކަމާގުޅޭ އިދާރާތަކުން އަންނަނީ މިފަދަ މައްސަލަތައް މަދުކޮށް، މުޖުތަމަޢަކީ އެންމެންނަށް އަމާން ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވުޒާރާއިން މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ