ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރާ މުއާމަލާތްތަކުން، އާންމުކޮށްފައިވާ އުސޫލާ ހިލާފަށް ސިއްރުން %30 ގެ ފީއެއް ނަގަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ބޭންކުން މިއަދު ދޮގުކޮށްފިއެވެ.
ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1 ޖުލައި 2025 އިން ފެށިގެން ދިވެހި ރުފިޔާ އެކައުންޓްގެ ޑެބިޓް ކާޑުން %30 އާ ހަމައަށް ފީއެއް ނަގަނީ ހަމައެކަނި ކަނޑައެޅިފައިވާ ވަކި އީ-ކޮމާސް ސައިޓްތަކަކުން (ޓީމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ކުރާ މުއާމަލާތްތަކުން އެކަނި ކަމަށެވެ. އެހެންކަމުން، ސިއްހީ ހިދުމަތާއި، ތައުލީމީ ދާއިރާ އަދި ދަތުރުފަތުރު ފަދަ އެހެނިހެން ދާއިރާތަކުގެ މާޗަންޓުންނަށް މިފަދަ ފީއެއް ސިއްރުން އިތުރުކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން އެއްވެސް އަސާސެއް ނެތް ދޮގެއްކަމަށް އޭނާ ވިދާޅުވިއެވެ.
ބޭންކުގެ 'ޝެޑިއުލް އޮފް ޗަރޖަސް' ގެ ދަށުން ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ކްރޮސްބޯޑަރު ފީއެއް ނެގުމަކީ ބައިނަލްއަގުވާމީ ގޮތުންވެސް ބޭންކުތަކުން އަމަލުކުރާ އުސޫލެއްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، މިއީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނުވަތަ ވަކި ލިސްޓަކަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.
ރާއްޖޭގެ ގިނަ ރައްޔިތުންނާއި ވިޔަފާރިތައް ބޭންކަށް ބަރޯސާވެފައިވާ މިންވަރު ބޮޑުއިރު، މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ ގައުމުގެ މާލީ އަދި އިގްތިސާދީ ހަމަޖެހުމަށް ނުރައްކާކޮށް ބޭންކާމެދު އޮންނަ އިތުބާރު ގެއްލުވާލުމަށް ކުރާ ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިފަދަ ދޮގު މައުލޫމާތުތަކަށް ސަމާލުކަން ނުދީ، ހަމައެކަނި ބޭންކުގެ ރަސްމީ ވަސީލަތްތަކުން ހާމަކުރާ މައުލޫމާތުތަކަށް ބަރޯސާވުމަށް ބީއެމްއެލްއިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ