ބީއެމްއެލްއިން ލޯނު ނެގޭ އުމުރު 75 އަހަރަށް މަތިކޮށް، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދީފި

ބީއެމްއެލްއިން ލޯނު ނެގޭ އުމުރު 75 އަހަރަށް މަތިކޮށް، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދީފި

Author
ޙަސަން މުޙައްމަދު
21 އޭޕްރިލް 2026 11:36
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނެގޭނެ އެންމެ މަތީ އުމުރު 75 އަހަރަށް ބަދަލުކޮށް، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ހެޔޮ އަގެއްގައި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ބީއެމްއެލްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، ބޭންކުގެ ބޯޑުން އިއްޔެ މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން އުމުރުން 60 އަހަރުވުމުން ލޯނު ނުނެގޭ ގޮތަށް އޮތް އުސޫލު ބަދަލުކުރުމާ ގުޅިގެން، މެދު އުމުރުގެ މީހުންނަށް ވެސް ގެދޮރު ގަތުމަށާއި އެހެނިހެން ބޭނުންތަކަށް ލޯނު ނެގުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލާއެކު، 20 ނުވަތަ 25 އަހަރަށް ދަމާލައިގެން ފަސޭހަކަމާއެކު ލޯނު އަނބުރާ ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް މިހާރު ލިބިގެންދާނެއެވެ.

މީގެ އިތުރުން، ރިސޯޓުތަކުގެ މުވައްޒަފުންނާއި ރާއްޖެއިން ބޭރުގައި މަސައްކަތްކުރާ ފަރާތްތައް ފަދަ ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް ޚާއްސަ ލުއިތަކެއް ވެސް ވަނީ ދީފައެވެ. ޝަރީފު ވިދާޅުވި ގޮތުގައި، ޑޮލަރުން ލޯނު އަނބުރާ ދައްކާނަމަ އާންމު އިންޓްރެސްޓް ރޭޓަށްވުރެ 1.5 އިންސައްތަ ކުޑަކޮށް ލޯނު ލިބޭނެއެވެ. އަދި އަމިއްލައަށް އިންވެސްޓް ކުރަންޖެހޭ އަދަދު (އިކުއިޓީ) ވެސް 5 އިންސައްތައަށް ކުޑަކޮށްދިނުމަށް ބޯޑުން ވަނީ ފާސްކޮށްފައެވެ.

މި އާ ބަދަލުތަކާއެކު ސާވިސް ޗާޖާއި މުސާރަ ޑޮލަރުން ލިބޭ ރިސޯޓު މުވައްޒަފުންނަށާއި، ބޭރު ގައުމުތަކުގައި ރަނގަޅު ވަޒީފާތަކުގައި ތިބެގެން ޑޮލަރުން އާމްދަނީ ހޯދާ ދިވެހިންނަށް ރާއްޖެއިން އެޕާޓްމަންޓް ގަތުން ފަދަ ކަންކަމަށް ލޯނު ހޯދުމަށް އިތުރު މަގުތަކެއް ވަނީ ހުޅުވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.