އޭޕްރީލް 22، 2026 އިން ފެށިގެން، ރާއްޖޭގައި މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަކަށް އެސްޓީއޯގެ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ މަގު ސަރުކާރުން ފަހިކޮށްދީފިއެވެ.
ފިޝަރީސް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، "ފަހި ހަކަތަ" ޕްރޮގްރާމްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ސަބްސިޑީ އަގުގައި ރާއްޖޭގެ 13 ސަރަޙައްދަކުން މިހާރު ފަސޭހަކަމާއެކު ތެޔޮ ގަނެވޭނެއެވެ. މިގޮތުން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ފެލިވަރު، ކ. ހިންމަފުށި، ހުޅުމާލެ ޖެޓީ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ގއ. ކުއްޑޫ، ފުވައްމުލައް ސިޓީ އަދި ސ. ހުޅުމީދޫއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް އޭގެ ތަކުލީފު ނުޖައްސައި ލުއިގޮތްތަކެއް ހޯދައިދިނުމެވެ. ފިޝަރީސް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ދަތި އުނދަގޫ މި ދަނޑިވަޅުގައި ވެސް ދިވެހި މަސްވެރިންނަށް ހުއްޓުމެއްނެތި ކަނޑުމައްޗަށް ނުކުމެވޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ތެލުގެ ކަންކަން އެންމެ ފުރިހަމައަށް މެނޭޖުކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަސްވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.
ކޮމެންޓު ފޮނުވާ